އަތޮޅު ކައުންސިލްތައް އުވާލުން، އިއާދަ ކުރުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

ގާނޫނުއަސާސީގައި އިދާރީ ދާއިރާތައް އެތުރިފައިވާ ގޮތް ބަދަލުކޮށް، އަތޮޅު ކައުންސިލްތައް އުވާލާފައި ވަނީ ރައީސް މުއިއްޒުގެ ސަރުކާރުން ގާނޫނު އަސާސީއަށް މިދިޔަ 2025 ވަނަ އަހަރު ގެނައި އިސްލާހަކުންނެވެ.

ނަމަވެސް ކުޑޫ ހުށަހެޅި ބިލުގައި ވަނީ އެ ގޮތް ބަދަލުކޮށް ލާމަރުކަޒީ ނިޒާމުގައި އަލުން އަތޮޅު ކައުންސިލްތައް ހިމެނުމަށް ހުށަހަޅައިފައެވެ.

އެބިލުގައި ބުނެފައި ވަނީ، އަތޮޅު ކައުންސިލްތައް އުވައިލުމުގެ ސަބަބުން ގާނޫނު އަސާސީ ތަސައްްވުރު ކުރި ނިޒާމަށް އުނިކަން ލިބޭ ކަމަށެވެ.

އެ ބަދަލު ގެނަސްފައި ވަނީ ދިވެހި ދައުލަތުގެ ހިންގުމުގެ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ވިސްނުންފުޅަށް ފެށި މަސައްކަތުގެ ތެރެއިން ކަމަށާއި އެކަންކަމާ މެދު ދިރާސާތަކެއް ނުވަތަ ފުޅާ ދާއިރާއެއްގައި ބަހުސްކޮށް މަޝްވަރާ ކޮށްފައިވެސް ނުވާ ކަމަށެވެ.

ހިންގުމުގެ ނިޒާމަށް ގެނައި ބަދަލުތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި އަނެއް ބަދަލަކީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބާއްވާ ގޮތަށް ހަމަޖެއްސުން ކަމަށާއި އެކަން ކުރުމަށްޓަކައި ގާނޫނު އަސާސީން ރައީސަށް ލާޒިމް ކޮށްފައިވާ ރައްޔިތުން ރުހޭތޯ ބެލުމަށް ނެގި ވޯޓުން އެނގިގެން ދިޔައީ، ރައްޔިތުން އެކަމަށް ނުރުހޭކަން ކަމަށްވެސް ބުނެފައިވެއެވެ.

މި ނަތީޖާއިން އަންގައިދެނީ ޖުމްހޫރިއްޔާގެ އަމިއްލަ ވިސްނުންފުޅަށް ދިވެހި ދައުލަތުގެ ހިންގުމުގެ ނިޒާމަށް ބަދަލުގެންނަން ރައްޔިތުންގެ ރުހުން ނެތް ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

އެގޮތަށް ގެނައި ބަދަލުތަކުގެ ތެރެއިން އަތޮޅު ކައުންސިލްތައް އުވައިލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލަކީވެސް ރައްޔިތުންގެ އެދުމާ އެއްކޮޅު ބިލެއް ނޫންކަން ކަމަށްވެސް ބިލުގައިވެއެވެ.

މިހެންކަމުން ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ހުށަހެޅުއްވި ބިލުގެ މައިގަނޑު މަގުސަދަކީ ގާނޫނު އަސާސީ ތަސައްވުރު ކޮށްފައިވާ، ފުރިހަމަ ލާމަރުކަޒީ ނިޒާމު ހިންގުމަށްޓަކައި ބޭނުންވާ އަތޮޅު ކައުންސިލްތައް އުވައި ނުލައި ކުރީން އޮތް ގޮތަށް އަނބުރާ ރުޖޫއަ ކުރުން ކަމަށްވެސް ބުނެފައިވެއެވެ.

އަތޮޅު ކައުންސިލްތައް އުވާލާފައި ވަނީ، ލާމަރުކަޒީ އުސޫލުން އިދާރީ އާއިރާތައް ހިންގުން ހިމެނޭ، ގާނޫނު އަސާސީގެ 230 ވަނަ މާއްދާ އާއި ކައުންސިލްތައް އިންތިހާބު ކުރުން ހިމެނޭ 231 ވަނަ މާއްދާއިން އަތޮޅު ކައުންސިލްތައް އުނިކޮށްގެންނެވެ.

ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ކުޑޫ ބިލު ހުށަހަޅާފައި ވަނީ އެެ ދެ މާއްދާގައި ހިމެނޭ، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ އެކު އަތޮޅު ކައުންސިލްތައް ހިމެނުމަށެވެ.