"އަދަދު" ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއްކޮށް "އަދަދު" އިން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލަ ފުލުހުން ވަނީ ބަލަން ފަށައިފައެވެ.

ހަސަންގެ ޕާސްޕޯޓް ހިފަހައްޓައި އިމިގްރޭޝަންގެ މައްޗަށް ނެރުނު އަމުރުގައި ބުނެފައިވަނީ ޕާސްޕޯޓް ހިފަހައްޓަނީ ޑޮކިއުމެޓްރީގައި ރައީސަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅޭ ތަހުގީގު ކުރިއަށްދާތީ އާއި އެ ޑޮކިއުމެންޓްރީގެ މައްސަލައިގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު އޮތުމުން ރާއްޖެއިން ފުރައިގެން ހިނގައިދާނެތީ ކަމަށެވެ.

ހަސަންގެ ޕާސްޕޯޓު ހިފެހެއްޓި އިރު ރޭ ވަނީ އަދަދުގެ ސީއީއޯ ފިޔާޒް މޫސާގެ ފާސްޕޯޓްވެސް ހިފަހައްޓައިފައެވެ.

ފުލުހުން ވަނީ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން އަދަދު ނޫހުގެ އޮފީހަށް ވަދެ، އެތަން ބަލައިފާސްކޮށްފައެވެ.

އެ ނޫހުން ބުނި ގޮތުގައި، ފުލުހުން އޮފީހަށް ވަދެފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެ ނޫހުން އާންމުކުރި ޑޮކިއުމެންޓްރީއަކާ ގުޅިގެންނެވެ. އެއީ ނަން ހާމަނުކުރާ މީހަކު ދިން އިންޓަވިއުއެއްގެ މައްޗަށް ބިނާކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުވާ ގޮތަށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.