ބައެއް ވަޒީރުން ވަކި ކުރެއްވީ މަސައްކަތަށް ފަރުވާ ކުޑަ ވެގެން ނޫން ކަމަށާއި އެއީ ސަރުކާރު ކުޑަ ކުރުމުގެ މަސައްކަތުގެ ތެރެއިން ނެންގެވި ފިޔަވަޅެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިގޮތަށް ވިދާޅުވެފައި މިވަނީ ސަރުކާރުގެ މިނިސްޓަރުން ވަކި ކުރެއްވީ ފަރުވާ ކުޑަވެގެން ކަމަށް ޗީފް ގަވާމަންޓް ސްޕޯޓްސްޕާސަން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެފައިވުމާ ގުޅިގެން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އަދި އޭގެ ތެރެއިން ބައެއް މިނިސްޓަރުން ކުރީގެ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު، ޓޫރިޒަމް އެންޑް އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަން ކުރައްވާފައިވާތީއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސަރުކާރުގެ ޕޮލިޓިކަލް އެޕޮއިންޓީސް މަދު ކުރުމާއި ސަރުކާރުގެ ހިންގުމުގެ ހަރަދު މަދު ކުރުމަކީ ވަރަށް ވެސް އިސްކަމެއް ދީގެން ކުރައްވާ ކަމެއް ކަމަށެވެ. އެގޮތުން މިނިސްޓްރީތައް ވެސް މަދު ކުރުމަކީ އެކަމުގެ ތެރެއިން ކުރެއްވި ފުރަތަމަ މަސައްކަތް ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޕާފޯމަންސް ބޭސްކޮށް މުވައްޒަފުންގެ އަދަދު މަދުކުރުމުގެ މަސައްކަތްތައް ކުރިއަށް މިދަނީ ވަޒީފާއަށް ގަޑިއަށް ހާޒިރުވުމާއި ހާޒިރީ ރަނގަޅަށް ހުރުމާއި މަސައްކަތްތައް ރަނގަޅަށް ކުރުން ފަދަ ކަންކަމަށް އެބަ ބަލަން

"މިނިސްޓަރުންނަށް ތިއްބެވި ބޭފުޅުން ވެސް ވަކި ކުރުމުގައި ޕާފޯމަންސްއެއީ އެއްކަންތައް އަދި އެހެން ކަންތައްތައް ވެސް އަޅުގަނޑު ހުންނާނެ ބަލާފައި ސަރުކާރުގެ ސައިޒް ކުޑަކުރަން. ކޮންމެ ބޭފުޅަކު ވަކި ކުރީ ޕާފޯމަންސް ދަށްވެގެނެއް ނޫން. ހަމަ ވަރަށް ރަނގަޅަށް މަސައްކަތް ކުރެއްވި ބޭފުޅުން ވެސް އެބަތިއްބެވި،" ރައީސް ވިދާޅުވިއެވެ.

"އެހެން ނަމަވެސް ސަރުކާރުގެ ސައިޒް ކުޑަކޮށް ސަރުކާރު މަސައްކަތް ކުރަމުންދާ ގޮތް ބަދަލު ކުރުމަށް ނުވަތަ ސިސްޓަމް ބަދަލު ކުރުމަށް ގެނައި ބަދަލުތަކެއް އެއީ. އެހެންކަމުން ކޮންމެ ކޮންމެ ބޭފުޅަކީއެއް މަސައްކަތަށް ފަރުވާތެރިކަން ކުޑަވެގެން ނުވަތަ މަސައްކަތް ނުކޮށްގެން ވަޒީފާއިން ވަކި ކުރީއެއް ނޫން ނުވަތަ އެބޭފުޅުން ރިޒައިން ކުރީއެއް ނޫން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރުން ވަޒީފާ އިތުރެއް ނުކުރާނެ ކަމަށާއި ބައެއް އެމްބެސަޑަރުންގެ މަގާމު ހުސްވެފައިވާތީ، އެ މަގާމުތަކަށް ކުރީގެ ދެ މިނިސްޓަރުން އައްޔަން ކުރެއްވުމަށް ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަން ކުރެއްވީ ކަމަށެވެ.