ސަރުކާރުގެ އިދާރާތަކާއި ކުންފުނިތައް އެއް ޕްލެޓްފޯމަކަށް ގެނައުމަށް "މޯލްޑިވްސް ޑިޖިޓަލް ސަމިޓް 2026" ފަށައިފިއެވެ.
މޯލްޑިވްސް ޑިޖިޓަލް ސަމިޓަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޯލްޑިވްސް 2.0 ހާސިލުކުރުމަށް، ރާއްޖޭގެ ޑިޖިޓަލް ފަސްޓް ނޭޝަން ޓްރާންސްފޮމޭޝަން އެޖެންޑާ ކުރިއަށްގެންދިއުމުގެ މަގުސަދުގައި ބާއްވާ ސަމިޓެކެވެ.
ބާސެލޯ ނަސަންދުރާގައި މިއަދު ފެށި އެ ސަމިޓު ޝަރަފުވެރިކޮށްދެއްވީ ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާނެވެ. އެ ސަމިޓަކީ ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލިޖީ މިނިސްޓްރީ އާއި މޯލްޑިވްސް ޑިޖިޓަލް ސާވިސް އަދި ވޯލްޑް ބޭންކް ގުޅިގެން ބާއްވާ ސަމިޓެކެވެ.
ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ އެ ސަމިޓުގައި ރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ އިސްބޭފުޅުންނާއި ކަމާގުޅުންހުރި ބޭރުގެ އިދާރާތަކުގެ އިސްބޭފުޅުންގެ މަޝްވަރާ ބައްްދަލުވުންތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމައިފައެވެ. އެ ސަމިޓް ކުރިއަށްގެންދަނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
އެ ރަސްމިއްޔާތަށްފަހު "ވަން" އަށް މިނިސްޓަރު އިހުސާން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިއަދު ބޭއްވިގެންދާ "މޯލްޑިވްސް ޑިޖިޓަލް ސަމިޓް 2026" އަކީ ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކީގައި މޯލްޑިވްސް 2.0 އާ ބެހޭގޮތުން ރާއްޖޭގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވި، މިހާރު ކުރެވެމުން އަންނަ އަދި ކުރަން ރޭވިފައިވާ މަސައްކަތްތަކާ ބެހޭގޮތުން ރާއްޖޭގެ ހުރިހާ ސްޓޭކް ހޯލްޑަރުންނާއެކު މަޝްވަރާކުރެވިގެން، ކަންތައްތަކެއް ނިންމައި އެއްބަސްވެވޭނެ ބައްދަލުވުންތަކެއް ކަމަށެވެ.
"ތިން ދުވަހުގެ މުއްދަތަށް މިދާ ބައްދަތުވުންތަކުގައި މޯލްޑިވްސް 2.0 ގެ ވިޝަން، ރައީސްގެ ވިޝަން ރިއަލިޓީއަކަށް ހެދުމަށްޓަކައި ކުރަމުން މިދާ މަސައްކަތްތަކުގެ އެކިއެކި އަޕްޑޭޓްސްތަކެއް ދެއްވުމަށް. އަދި ހަމަ އެއާއެކުގައި ރާއްޖެއާއެކުގައި މަސައްކަތްކުރަމުންދާ ބޭރުގެ އެޑްވައިޒަރީ ހުރިހާ ބޭފުޅުންގެ ހިޔާލާއި މަޝްވަރާވެސް އަޅުގަނޑުމެންގެ މި ޕްރޮޖެކްޓުގެ ތެރެއަށް ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
އެ މަޝްވަރާ ބައްދަލުވުންތަކަށްފަހު ކުރިއަށްއޮތް ދެ އަހަރު ދުވަހުގެ ތެރޭގައި، މޯލްޑިވްސް 2.0 އަށް ރައީސްގެ ވިޝަން ރާއްޖެއަށް ތަންފީޒު ކުރަމުންގެންދާނެ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ. އޭގެ އިތުރުން ލިބޭނެ އެންމެ ބޮޑު ފައިދާއަކީ ވިޔަފާރިވެރިއެއް ކަމުގައިވިޔަސް، އަދި އަމިއްލަ ފަރުދެއްކަމުގައިވިޔަސް، މުޅި މި ކޮމިއުނިޓީ ދިވެހި ސަރުކާރާ އެންގޭޖުވާގޮތަށް، ސަރުކާރުން ހިދުމަތް ހޯދަން ކުރަންޖެހޭ މަަސައްކަތްތައް ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ޑިވެލޮޕަރުންނާއި ކުންފުނިތަކުން ވެސް މޯލްޑިވްސް 2.0 ގެ މަސައްކަތުގައި ބައިވެރިވަޑައިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ފާތިމަތު ލިއުޝާ
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ