މި އަހަރު އެކަނިވެސް 10،954 މީހުންނަށް އާސަންދަ މެދުވެރިކޮށް ނަފްސާނީ ފަރުވާ ދީފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މެންޓަލް ހެލްތުގެ ދާއިރާއަކީ ސަރުކާރުތަކުން ވެސް އަދި މުޖުތަމައުން ވެސް އެންމެ އެކަށޭނެ ގޮތެއްގައި ކަންކަން ކޮށްދެވިފައިނުވާ ދާއިރާއަކަށްވާތީ އެ ދާއިރާގައި ހުރި ކަންކަން ހައްލުކުރުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ، އާސަންދަ މެދުވެރިކޮށް މިދިޔަ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މެންޓަލް ހެލްތުގެ ފަރުވާ ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށާއި އެކަމަކީ ވެސް ވަރަށް ގިނަ ބަޔަކަށް ލިބުނު މާލީ ލުޔެއް ކަމަށެވެ.
"ޖެނުއަރީ 1 އިން ފެށިގެން އޭޕްރީލް މަހުގެ 24އާ ހަމައަށް އަޅުގަނޑަށް ލިބިފައިހުރި މައުލޫމާތުތަކަށް ބަލާއިރު 10،954 ޕޭޝަންޓުން ނުވަތަ ފަރާތްތަކަށް މެންޓަލް ހެލްތުގެ ދާއިރާއިން ސައިކޭޓްރިސްޓު ކޮންސަލްޓޭޝަން، ސައިކޮލޮޖިކަލް ތެރަޕީ ކަވަރޭވް ދެވިފައި އެބަވޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މެންޓަލް ހެލްތު ހޮސްޕިޓަލެއް އެޅުމަކީ އެ މަނިކުފާނުގެ ވައުދުފުޅެއްް ކަމަށާއި އެކަން ބޭރުގެ ލޯނު އެހީގައި ހޯދުމުގެ މަސައްކަތް ކުރެވުން ނަމަވެސް އެކަމުގެ ޕްރޮސީޖާ ދިގުވާތީ، މިހާރު ސަރުކާރުގެ ބަޖެޓުން މެންޓަލް ހެލްތު ހޮސްޕިޓަލް އަޅަން ނިންމާފައިވާ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ މާލެ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް މިހާރު އަޅަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ގަމުގައި މެންޓަލް ހޮސްޕިޓަލް އެޅުމަށް އަދި ބަދަލެއް ނުގެންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު