ލަންކާގެ ފިނޭންސް މިނިސްޓްރީ ހެކްކޮށް 2.5 މިލިއަން ޑޮލަރު ވަގަށް ނަގައިފިއެވެ.

ސްރީލަންކާގެ ފިނޭންސް މިނިސްޓްރީ ހެކްކުރުމަށްފަހު އެމިނިސްޓްރީގެ ކޮމްޕިއުޓަރު ސިސްޓަމަށް ވަދެ 2.5 މިލިއަން އެމެރިކާ ޑޮލަރު ވަގަށް ނަގާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލަންކާ ސަރުކާރުގެ އޮފިޝަލަކު އިއްޔެ އާންމު ކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން އެގައުމު އިގްތިސާދީ އަނދަވަޅަކުން ސަލާމަތްވެ ގައުމު ހަމަޔަކަށް އެޅެނިކޮށް މިހާތަނަށް ސަރުކާރުން ގެއްލުނު އެންމެ ބޮޑު ގެއްލުމަކީ މިއީ ކަމަށެވެ.

ލަންކާ އަކީ ނިސްބަތުން ސައިބަ އެޓޭކް ގިނަ ގައުމެކެވެ. އެގައުމުން އިގްތިސާދީ ބޮޑު އަނދަވަޅަކުން ސަލާމަތްކުރުމުގެ މަސައްކަތް އެކި ގޮތްގޮތުން ކުރަމުން އަންނަ އިރު ގައުމުގެ ދަރަނި 46 ބިލިއަނަށް އަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލަންކާގެ ފިނޭންސް މިނިސްޓްރީ އިން ވަގަށް ނަގާފައިވާ 2.5 މިލިއަން އެމެރިކާ ޑޮލަރަކީ އެގައުމުން އޮސްޓްރޭލިއާ އިން ނަގާފައިވާ ދަރަނި ދެއްކުމަށް ކަނޑައަޅާފައި ހުރި ފައިސާ ކަމަށް ރިޕޯޓުތައް ބުނެއެވެެ.

އޮފިޝަލުން ވަނީ އެމައްސަލައިގައި މިހާތަނަށް އެމިނިސްޓްރީގެ ހަތަރު މުވައްޒަފަކު ސަސްޕެންޑް ކޮށްފައިވާ ކަމަށް ބުނެފައެވެ.

ހެކަރުން އެ ފައިސާ ވަގަށް ނަގާފައިވަނީ މިނިސްޓްރީގެ އީމެއިލް ސާވާ ތެރެއަށް ވަދެގެން ކަމަށް އޮފިޝަލުން ބުނެއެވެ. އަދި އެމައްސަލަ އިތުރަށް ތަހުގީގު ކުރުމަށް މަސައްކަތް ފަަށާފައިވާ ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.

މައްސަލައިގެ ތަހުގީގަށް ލަންކާ ސަރުކާރުން ވަނީ ބޭރު ގައުމުތަކުގެ އެހީއަށްވެސް އެދިފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.