އިންޑިއާގެ ފިލްމީ ސިނާއަތުގައި މުޅީން އާ ކަމެއްގެ ގޮތުގައި، ފިލްމެއް އުފެއްދުމުގެ މަރުހަލާތައް ދައްކުވައިދޭ ޑޮކިއުމެންޓަރީއެއް ސިނަމާތަކުގައި އެޅުވުމަށް ނިންމައިފިއެވެ. ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ ޑައިރެކްޓަރު އަދިތިޔާ ދާރްގެ 2025 ވަނަ އަހަރުގެ ފިލްމު "ދުރަންދަރް" އަދި އޭގެ ސީކުއެލް "ދުރަންދަރް ދަ ރިވެންޖް" ގެ ބިހައިންޑް-ދަ-ސީންސް (ބީޓީއެސް) ޑޮކިއުމެންޓަރީއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ އެޗްޓީ ސިޓީއަށް މައުލޫމާތު ދިން ފިލްމީ ދާއިރާގެ މަސްދަރުތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ޑޮކިއުމެންޓަރީ މުޅި އިންޑިއާގެ ސިނަމާތަކުގައި އަޅުވާނެއެވެ. މިއީ އިންޑިއާގެ ފިލްމުތައް ޑިސްޓްރިބިއުޓްކުރުމުގެ ވައްޓަފާޅިއަށް އަންނަ ވަރަށް ބޮޑު ބަދަލެކެވެ. ސަބަބަކީ އާންމުގޮތެއްގައި ފިލްމުތަކުގެ މޭކިން ވީޑިއޯތަކާއި ޑޮކިއުމެންޓަރީތައް ސްޓޫޑިއޯތަކުން ހާއްސަކުރަނީ ސްޓްރީމިން ޕްލެޓްފޯމްތަކަށް ކަމަށް ވާތީއެވެ.

މިފަދަ ނިންމުމެއް ނިންމާފައިވަނީ "ދުރަންދަރް" ފްރެންޗައިޒްގެ ފިލްމުތަކަށް ބޮކްސް އޮފީހުގައި ލިބުނު ބޮޑު ކާމިޔާބީއާ ގުޅިގެންނެވެ. ފިލްމު އުފެއްދުމުގައި ދިމާވި ގޮންޖެހުންތަކާއި، ތަރިންގެ މަސައްކަތްތައް އާންމުންނާ ހަމައަށް ގެނެސްދިނުމަކީ ފިލްމަށް ލިބުނު ތަރުހީބު އިތުރުވެގެންދާނެ ކަމެއް ކަމަށް އުފެއްދުންތެރިން ގަބޫލުކުރެއެވެ.

މީގެ ކުރިން ހޮލީވުޑްގެ ބައެއް ބޮޑެތި ފިލްމުތަކުގެ ޑޮކިއުމެންޓަރީތައް ސިނަމާތަކުގައި އަޅުވާފައިވީ ނަމަވެސް، މިއީ ބޮލީވުޑްގެ ތާރީހުގައި މިފަދަ ޑޮކިއުމެންޓަރީއެއް ފުޅާ ދާއިރާއެއްގައި ސިނަމާތަކަށް ނެރޭ ފުރަތަމަ ފަހަރެވެ. މިކަމުގެ ސަބަބުން ކުރިމަގުގައި އިންޑިއާގެ އެހެން ބޮޑެތި ފިލްމުތަކުންވެސް މި ނަމޫނާއާ އެއްގޮތަށް އަމަލުކުރުން އެކަށީގެންވެއެވެ.