ރާއްޖެ އާއި ސައުދީ އަރަބިއްޔާގެ ގުޅުން ރަނގަޅު ކަމަށާއި ހައްޖު ކޯޓާ އިތުރުކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މި ސަރުކާރުން ދަނީ ސައުދީ ސަރުކާރާއެކީ ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ސައުދީ އަރަބިއްޔާއަކީ ދިވެހި ރައްޔިތުންނަށް ހައްޖު ކަންކަމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ދޭ ގައުމެއް. ސައުދީ ރަސްގެފާނާއި ވަލީ އަހުދު ދިވެހި ރައްޔިތުންނަށް ވަރަށް އިސްކަންދެއްވާ. މައްކާރޫޓް އިނިޝިއޭޓިވް އެއީ މިސާލެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސައުދީ ސަރުކާރުން ގައުމުތަކަށް ކޯޓާ އިތުރު ކުރާނަމަ އެ ފުރުސަތު ރާއްޖެއަށް ފަހިވެފައިވާކަން ސައުދީ ސަރުކާރުން ޔަގީންކަން ދީފައިވާ ކަމަށެވެ.

"ވަރަށް ބޮޑު ޔަގީންކަމެއް ދެއްވާފައި އެބައޮތް ކޯޓާ އިތުރު ކުރުުގެ ފުރުސަތު ގައުމަކަށް ދޭއިރުގައި ދިވެހި ރައްޔިތުންނާއި ދިވެހި ރާއްޖެއަށް ވަރަށް އިސްކަމެއް ދެއްވާނެކަން. އެެހެންވީމަ އެ ވާހަކަ ދެކެވެމުންދަނީ،" ރައީސް ވިދާޅުވިއެވެ.