ސަރުކާރުގެ ޓެކްސީ ހިދުމަތް، މާލެ ޓެކްސީ ލައިންގެ ހިދުމަތަށް އެމްޓީސީސީން ތައްޔާރުކުރާ އެޕްގެ މައްސަލަ ބަލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެމްޓީސީސީގެ ޓެކްސީ އެޕްގައި މައްސަލަތަކެއް އުޅޭކަމުގެ ކަންބޮޑުވުން އެ މަނިކުފާނާ ހަމައަށްވެސް އައިސްފައިވާ ކަމަށާއި އެކަންކަން ރަނގަޅުކުރަން އަންގާފައިވާނެ ކަމަށެވެ.
"ރައީސް އޮފީހުން އޮންނާނީ އެމްޓީސީސީއަށް އަދި އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީއަށް މިކަން ރަނގަޅަށް ބައްލަވައި އެއްވެސް ކަހަލަ ނުރަނގަޅު ކަމެއް ހިނގާނަމަ ވަގުތުން އެކަންކަމަށް އެޓެންޑުވެ، ފިޔަވަޅުތައް އެޅުމަށް މަސައްކަތްތައް ކުރުމަށް އަންގާފަ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޓެކްސީ އެޕްލިކޭޝަނާ ގުޅޭ އެއްވެސް ކަހަލަ ކަމެއް އުސޫލުން ބޭރުން ކޮށްފައިވާ ނަމަ އެކަމެއް ބަލައި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
"އެޕްލިކޭޝަން ނުހެދިގެން ލަސްވެގެން ނުވަތަ އެހެންކަމެއް ވެގެން ރައްޔިތުންނަށް ޓެކްސީ ސާވިސް ބުކް ނުކުރެވޭނެ ކަމެއް ދިމާވުމަކީ އެއްގޮތަކަށްވެސް ވެގެންވާނެ ކަމެއްނޫންކަމަށް އޮންނާނީ ދަންނަވާފައި." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޓެކްސީ އެޕްލިކޭޝަން ވެބް މެދުވެރިކޮށް މިހާރުވެސް ބޭނުން ކުރެވޭނެ ކަމަށާއި ވަރަށް އަވަހަށް މޯބައިލް އެޕްލިކޭޝަނެއްވެސް އަންނާނެކަން ނުރަސްމީކޮށް އެ މަނިކުފާނަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު