އެސްއޯއީތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓް މަދުކުރަން އަންގާފައިވީ ނަމަވެސް، އެ އަދަދަށް މުވައްޒަފުން މަދުކުރާނީ ބައެއް ކުންފުނިތަކުން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ހަނގުރާމައާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު އެހެން ވިދާޅުވެފައިމިވަނީ، އެސްއޯއީތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓް މަދުކުރަން ޕީސީބީއަށް އެންގި އެންގުމާ ގުޅިގެންނެވެ.

ޒަމީރު ވިދާޅުވީ މިހާރު އެކަމުގައި އެސްއޯއީތަކާ މަޝްވަރާކުރަމުން އަންނަ ކަމަށާއި އެ ކުންފުނިތަކަކީ އަބަދުވެސް މުވައްޒަފުން ނަގައި، މުވައްޒަފުން މަދުކުރާ ތަންތަން ކަމަށެވެ. އަދި އެސްއޯއީތަކުގައި މިހާރު ގާތްގަނޑަކަށް 42،000 މުވައްޒަފުން މަސައްކަތްކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މިހާރުގެ އެސްޓިމޭޓަކީ 42،000 ތިބޭނެއޭ. ތިބޭއިރު އޭގެ ތެރެއިން ބައެއް ކުންފުނިތަކުން، މިސާލަކަށް ރައިޓްސައިޒް ކުރާކަށް 33 ޕަސަންޓު ނުކެނޑިދާނެ. މިސާލަކަށް ބަލާކަމަށްވެއްޖެއްޔާ އައިއޭއެސް. އައިއޭއެސް އަކީ އެސްއޯއީއެއް، އައިއޭއެސްގައި ނުޖެހޭނެ އެހާ އަދަދަށް މަދުކުރާކަށް. އެ އަދަދު މަދުކޮށްފި ކަމަށްވެއްޖެއްޔާ ކުންފުނި ނުހިންގޭނެ. ހަމައެއާއެކު އެބަހުރި ބައެއް ކުންފުނިތައް މި ދެންނެވި އުސޫލުން މީހުން މަދުނުކުރެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ ކުންފުނިތަކުން މުވައްޒަފުން މަދުކުރަމުންދާނީ އެ ކުންފުނިތަކުގެ އޮޕަރޭޝަންސްތަކަށް ބެލުމަށްފަހު ކަމަށާއި އެކަން ކުރަން އަންގަވާފައިވަނީ ވެސް ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް ކަމަށެވެ. އަދި އެކަން ކުރުމުގައި މުވައްޒަފުންނަށް ކުރިމަތިލާންޖެހޭ އުނދަގޫތަކަށް ވެސް ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޕީސީބީގެ ރައީސް މުހައްމަދު އަނަސް އަށް ފިނޭންސް މިނިސްޓަރު ޒަމީރު ސޮއިކުރައްވައި ފޮނުއްވި ސިޓީގައި، ކުންފުނިތަކުގެ މަސައްކަތްތަކުގެ ހިންގުންތެރިކަން އިތުރުކުރުމާއި އިންސާނީ ވަސީލަތްތައް މެނޭޖްކުރުން ހަރުދަނާކުރުމުގެ އިތުރުން، މާލީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނިތައް ހިންގުމަށް ބާރުއެޅުމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައްވެސް ބަޔާންކޮށްފައިވެއެވެ.

އެ އިރުޝާދުތަކުގެ ދަށުން، ކުންފުނިތަކުގެ ހިންގުމުގެ ހަރަދު ކުޑަކުރުމަށާއި ހަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސަންޓު މަދުކުރުމަށް ވަނީ އަންގައިފައެވެ.

އޭގެ އިތުރުން، ވަޒީފާއަށް މީހުން ނެގުމުގެ ނިޒާމު ހަރުދަނާކޮށް، ތައުލީމީ ފެންވަރާއި ހުނަރާއި ގާބިލިއްޔަތަށް ބަލައިގެން މީހުން އައްޔަންކުރާ އުސޫލު (މެރިޓް ބޭސްޑް ޕޮލިސީ) މިހާރަށް ވުރެ ހަރުދަނާކޮށް، އެ އުސޫލާ އެއްގޮތަށް އަމަލުކުރެވޭކަން ކަށަވަރު ކުރުމަށްވެސް މިނިސްޓްރީން ވަނީ އިރުޝާދު ދެއްވައިފައެވެ.

މިއީ އެންމެ އެކަށީގެންވާ ފަރާތްތައް ވަޒީފާތަކަށް ހޮވައި، ކުންފުނިތަކުގެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށްވެސް އެ ސިޓީގައިވެއެވެ.

އެ ސިޓީގައި އިތުރަށް ބުނީ، އެ ފިޔަވަޅުތަކަކީ ކުންފުނިތައް ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށާއި ދައުލަތުގެ މާލީ އަދި ހިންގުމުގެ ސިޔާސަތުތަކާ އެއްގޮތަށް ކުންފުނިތަކުގެ މަސައްކަތްތައް ބައްޓަންކުރުމަށްޓަކައި މިވަގުތު ކޮންމެހެން އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެއް ކަމަށެވެ.

އެ ފިޔަވަޅުތައް ތަންފީޒުކުރުމަށް ކަމާބެހޭ ކުންފުނިތަކަށް އެންގުމަށާއި އެ ކުންފުނިތަކުން އެކަމަށް އަމަލުކުރާ މިންވަރު މޮނިޓަރު ކުރުމަށްވެސް އެ ސިޓީގައި ވަނީ ޕީސީބީއަށް އަންގައިފައެވެ. އަދި އިރުޝާދުތައް ތަންފީޒުވަމުންދާ ގޮތުގެ އަދާހަމަ މައުލޫމާތު ގަވާއިދުން މިނިސްޓްރީއަށް ހިއްސާކުރުމަށް ވެސް ވަނީ އެދިފައެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، އެ ފިޔަވަޅުތަކަކީ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށާއި ފައިސާ ހަރަދުކުރުމުގައި ހަރުދަނާ އުސޫލުތަކެއް ގެންގުޅުމަށާއި މާލީ މެނޭޖްމަންޓް ރަނގަޅުކުރުމަށް ޕީސީބީން މީގެ ކުރިން ނެރެފައިވާ އިރުޝާދުތަކަށް އިތުރުކުރެވުނު ކަންތައްތަކެއް ކަމަށެވެ. ކުރީގެ ފިޔަވަޅުތަކުގެ ތެރޭގައި މުސާރައާއި އިނާޔަތްތައް ކޮންޓްރޯލް ކުރުމާއި ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ފިޔަވައި މަގާމުގެ ކުރިއެރުން ދިނުމާއި އާ މުވައްޒަފުން ނެގުން ހުއްޓާލުމާއި، އިތުރުގަޑީގެ މަސައްކަތް ހަނިކުރުމާއި ކޮންމެހެން ބާއްވަން ނުޖެހޭ ހަރަކާތްތައް ކެންސަލްކުރުމުގެ އިތުރުން ދަތުރުފަތުރާއި އެހެނިހެން އިހުތިޔާރީ ހަރަދުތައް ކުޑަކުރުން ހިމެނެއެވެ.