ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިތުބާރާއި ޔަގީންކަން މުހިންމުވާނެ ކަމަށާއި އެއީ ފަސް އަހަރު ދުވަހަށް ލިބޭ ހަދިޔާއެއް ނޫން ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން މުންދު ވިދާޅުވީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި 500 މުވައްޒަފުން ކަނޑަން އުޅޭ ވާހަކައަކީ މުޅީން ރަނގަޅު ވާހަކަތަކެއް ނޫން ކަމަށާއި ނަމަވެސް ކޮންމެ އަހަރަކު ވެސް ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންގެ އެސެސްމަންޓުތައް ހެދިގެންދާ ކަމަށެވެ.
މިހާރު ކުރިއަށްގެންދާ އެސެސްމަންޓުތަކަށްފަހު ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބޭނީ އެންމެ އެކަށޭނެ މީހުން ކަމަށާއި އެ ބަދަލުތަކާއެކު ސަރުކާރުގެ ދުވެލި އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ. އަދި ސިޔާސީ ވަޒީފާ ލިބެނީ ވަކި ޕާޓީއެއް، ވަކި ފިކުރެއްގައި ކުރާ މަސައްކަތެއްގެ ތެރެއިން ނުވަތަ އެ އޮންނަ ވަފާތެރިކަމެއްގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއަދުގެ ފެހި ގާނޫނުއަސާސީގެ ތެރެއިން އެބައޮވޭ ސިވިލް ވަޒީފާތަކަކާއި ސިޔާސީ ވަޒީފާތަކަކާ. ސިޔާސީ މީހުންގެ ބޭނުމަކީ ވަފާތެރިކަމާއެކުގައި އޭރެއްގައި އޮންނަ ސަރުކާރެއް، އޭރެއްގައި އޮންނަ ރައީސުލްޖުމްހޫރިއްޔާ އަންގަވާ އެންގެވުމާ އެއްގޮތަށް މަސައްކަތްކުރާނެ ބައެއްކަން. އެ އިތުބާރާއި ޔަގީންކަން އޮތް ބަޔަކު ތިބުން މުހިންމުވަނީ. އެކަމަކު އަޅުގަނޑު ވެސް ހިމެނޭގޮތަށް، އަޅުގަނޑުމެން އެއްވެސް މީހަކަށް ލިބޭ ހަދިޔާއެއް ނޫން އެއީކީ. އަޅުގަނޑު ގަބޫލެއް ނުކުރަން ސިޔާސީގޮތުން އަޅުގަނޑުގެ ޕާޓީއަށް ވަފާތެރިވީތީ އަޅުގަނޑަށް ފަސް އަހަރު ދުވަހަށް ފީސަބީލިއްލާހިއަށް ލިބިފައި އޮންނަ ހަދިޔާއެކޭ،" އޭނާ ވިދާޅުވިއެވެ.
މުންދު ވިދާޅުވީ ސިޔާސީ މަގާމުތަކުގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް ވެސް މުސާރަ ލިބެނީ ދައުލަތުގެ ބަޖެޓުން ކަމަށާއި އެހެންކަމުން އެއީ ރައްޔިތުންގެ ފައިސާއަށްވުމުން އެމީހެއްގެ ޕާފޯމަންސް ދައްކަން ޖެހޭނެ ކަމަށެވެ. އަދި ޕާފޯމަންސް ނުދެއްކިގެން، މަގާމުން ވަކިވެގެންދާ އިރު، އެކަމުގެ ޝަކުވާއެއް ކޮށްގެން ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ދިހަ މިނިސްޓަރަކު އިސްތިއުފާދެއްވުމާ ގުޅޭގޮތުން މުންދު ވިދާޅުވީ އެބޭފުޅުން އިސްތިއުފާދެއްވީ ހެޔޮ ބަދަލަކަށް ފަހިކޮށްދިނުމުގެ ހެޔޮ ނިޔަތުގައި ކަމަށާއި އެއީ އެބޭފުޅުންގެ އިތުބާރުގެ މައްސަލައެއް ޖެހުނީކީ ނޫން ކަމަށެވެ.
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު)
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު)
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު)