ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކެބިނެޓް މެންބަރުންގެ އަދަދު 20 އިން 15 އަށް މަދުކުރައްވައިފިއެވެ.
ކެބިނެޓަށް ގެންނެވި ބަދަލުތަކާއެކު މިއަދު އައްޔަންކުރެއްވި 12 މިނިސްޓަރުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
އޭގެ ތެރެއިން އަށް މިނިސްޓަރުންނަކީ ކުރިން ވެސް މިނިސްޓަރުކަމުގެ މަގާމުތަކުގައި ތިއްބެވި މިނިސްޓަރުންނެވެ. ނަމަވެސް އެބޭފުޅުން އަލުން މަގާމުގެ ހުވާކުރެއްވީ، މިނިސްޓްރީތަކުގެ މަސައްކަތްތަކަށް ގެނައި ބަދަލުތަކާއެކު ގުޅިގެންނެވެ. އޭގެ އިތުރުން ދެން ހިމެނިވަޑައިގަންނަވާ ހަތަރު މިނިސްޓަރުންނަކީ މުޅިން އަލަށް ކެބިނެޓަށް އައްޔަންކުރެއްވި ހަތަރު މިނިސްޓަރުންނެވެ.
ކެބިނެޓަށް އައްޔަންކުރެއްވި 12 މިނިސްޓަރުން:
- ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް މިނިސްޓަރު މޫސާ ޒަމީރު
- ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހުސާން
- ފޮރިން އެފެއާޒް މިނިސްޓަރު އިރުތިޝާމް އާދަމް
- އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
- ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރު ގީލާ އަލީ
- އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސަޢީދު
- އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން
- ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރު އަބްދުﷲ ރާފިއު
- އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު
- އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު އަބްދުﷲ މުއްތަލިބް
- ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރު އަލީ ޝަރީފް
އެބޭފުޅުންނަށް މިނިސްޓަރުކަމުގެ ހުވައިލައިދެއްވީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ. ހުވައިކުރެއްވުމަށްފަހު، އެބޭފުޅުން މިނިސްޓަރުންގެ ހުވައިގެ އިގުރާރުގައި ސޮއިކުރެއްވިއެވެ.
އެ މިނިސްޓަރުންނާއެކު ކެބިނެޓުގައި ދެން ހިމެނިވަޑައިގަންނަވާނީ ބަންޑާރަނައިބު އަހުމަދު އުޝާމާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި އިތުރު މިނިސްޓަރެއް ހިމެނޭހެން ޖުމުލަ 15 ބޭފުޅުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް