އެމެރިކާ އަދި އިޒްރޭލުން އިރާނާއެކު ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް މަޑުޖެހޭނެ ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ލަފާކޮށްފިއެވެ.
އޭޑީބީގެ މި މަހުގެ އޭޝިއަން ޑިވެލޮޕްމަންޓް އައުޓްލުކް ރިޕޯޓުގައި ބުނީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ނޭދެވޭ އަސަރުތައް ކުރާނެ ކަމަށެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ އަސަރު ރާއްޖޭގެ އިގުތިސޯދަށް ކުރާނެ ކަމަށެވެ.
މިދިޔަ އަހަރު ރާއްޖޭގެ އިގުތިސާދު 5.4 ޕަސެންޓުން ކުރިއަރާފައިވީ ނަމަވެސް، މި އަހަރު އެ ރޭޓު އެއް ޕަސެންޓަށް ވެއްޓޭނެ ކަމަށެވެ.
ނަމަވެސް، ހަނގުރާމައިގެ ހާލަތު ނިމުމަކަށް އައިސް ދުނިޔޭގެ އިގުތިސޯދު ހަމައަކަށް އެޅުމުން، އަންނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ތިން ޕަސެންޓަށް އުފުލޭނެ ކަމަށް ވެސް އޭޑީބީން ބުންޏެވެ.
އެ ރިޕޯޓްގައި ވަނީ އަސާސީ މުދާ އިމްޕޯޓު ކުރުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން، މި އަހަރުގެ ތެރޭގައި އިންފްލޭޝަން ނުވަތަ ތަކެތީގެ ފަސް ޕަސެންޓުން އުފުލޭނެ ކަމަށެވެ.
އޭޑީބީން ބުނި ގޮތުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ނެގި 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު މި މަހުގެ ތެރޭގައި މި ސަރުކާރުން ދެއްކުމުން ރާއްޖޭގެ ދަރަނީގެ އަދި ފިސްކަލް ހާލަތަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.
ނަމަވެސް ތެލަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުން، ބޭރު ފައިސާ ރިޒާވަށް ވަރަށް ބޮޑަށް އަސަރު ކުރާނެ ކަމަށެވެ.
އޭޑީބީން ވަނީ ދައުލަތުގެ ރިކަރަންޓު ހަރަދުތައް ކުޑަކޮށް، އިގުތިސޯދީ އިސްލާހީ ފިޔަވަޅުތައް އަވަސް ކުރަން ގޮވާލައިފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމާ އެކު، މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމް 10 ޕަސެންޓުން ކުރިއެރިކަން ފާހަގަކޮށް، އޭޑީބީން ވަނީ ހަނގުރާމައިގެ ހާލަތުގައި ވެސް ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު މި އަހަރު ވެސް އިތުރުވާނެ ކަމަށް ލަފާކޮށްފައެވެ.
އޭޝިއަން ޑިވެލޮޕމެންޓް ބޭންކް
އޭޝިއަން ޑިވެލޮޕމެންޓް ބޭންކް
އޭޝިއަން ޑިވެލޮޕމެންޓް ބޭންކް
އޭޝިއަން ޑިވެލޮޕމެންޓް ބޭންކް