ރާއްޖޭގެ އުމްރާނީ ތަރައްގީގެ ތާރީހަށް ބަލާއިރު، ހުޅުމާލެއަކީ އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫއެވެ. މިއަދު އެއީ އެތައް ހާސް ބަޔަކު ދިރިއުޅެމުން އަންނަ ހަލަބޮލި އަދި ތަރައްގީވެފައިވާ ބޮޑު ޝަހަރެއް ނަމަވެސް، މީގެ 22 އަހަރު ކުރިން އެތަނުގެ މަންޒަރު މުޅިން ތަފާތެވެ. އެ މަންޒަރު، ހުޅުމާލެއަށް އެންމެ ފުރަތަމަ ބަދަލުވި މީހުންގެ ތެރޭގައި ހިމެނޭ އަދި ހުޅުމާލެ އާރާސްތުކޮށް ފެހިކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި، ހުސައިން ހަސަން ސިފަކުރީ ވެލިގަނޑަކުން އާރާސްތުވި ސިޓީއެއްގެ ގޮތުގައެވެ.
މިއަދު ރާއްޖޭގައި އޮތް އެންމެ ތަރައްގީވެފައިވާ އެއް ޝަހަރަކީ ހުޅުމާލެއެވެ. މީގެ 22 އަހަރު ކުރިން އެޅި ވެލިކޮޅާއެކު، އެތަން މިއަދު ބިޔަ ޝަރަހަކަށް ވެ އެތައް ބައެއްގެ ދިރިއުޅުމާ ގުޅިފައިވާއިރު، ހުޅުމާލެއަށް "ދިރުން" ގެނެސްދިނުމުގައި އެންމެ އިސްކޮށް އެއިރުވެސް މަސައްކަތް ކުރީ މިއަދުވެސް ހުޅުމާލޭގެ ބެލެނިވެރި ފަރާތްކަމުގައިވާ ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އެވެ.
އެއިރު، އެޗްޑީސީއަށް ކިޔަނީ އެޗްޑީޔޫ އެވެ. ޔުނިޓެއްގެ ގޮތުގައި ހިންގަމުން އައި އެޗްޑީޔޫގެ މަސައްކަތާ ހުސައިން ހަސަން ގުޅިވަޑައިގެންނެވީ 7 ސެޕްޓެމްބަރު 2003 ގައެވެ. އެޗްޑީޔޫއަށް މަސައްކަތުގެ މީހެއްގެ ގޮތުގައި ވަދެ، މިއަދު ހުޅުމާލެއިން މި ފެންނަ ފެހިކަމުގެ އެއް ހިއްސާދާރަކީ ހުސައިނެވެ، އެއީ ހުސައިން ފަދަ މަދު މީސްކޮޅުގެ ޓީމުންވީ ގުރުބާނީއެވެ.
"އަޅުގަނޑު އެންމެ ފުރަތަމަ ވަނީ އެޗްޑީޔޫއަށް. އެއިރު އެއީ އެއީ ރައީސް އޮފީހުގެ ދަށުން ހިންގި ގޮތްޕެއް. އަޅުގަނޑު ވަޒީފާއަށް ވަނީ 2003 ސެޕްޓެމްބަރު 7 ގައި. އެއިރު މި ހުޅުމާލެއަކީ ހަގީގަތުގައި ތެދަށް ދަންނަވާނަމަ، ހަމަ ފަސްގަނޑެއް. ގަހެއް ރުކެއް ވަރަށް މަދު. އަޅުގަނޑު ހަނދާން ހުންނަ ގޮތުން ވިއްޔާ އެންމެ ރުކެއް ފެނޭ. ދެން އެކި ތަންތަނުން ކުދިކުދި ގަސްގަސް ފަޅާފަ ހުންނަތަން ފެނޭ" އަތުން އުނަގަނޑާ ހަމައިގެ އިސްކޮޅު ސިފަކޮށްދެމުން ހުސައިން ކިޔައިދިނެވެ.
"މިހާރު ހުޅުމާލެ މިއޮތީ ފެހި ބަގީޗާއަކަށްވެފައި. އެއީވެސް ވަރަށް ގިނަ ބައެއްގެ މަސައްކަތް. އެއީ ބައިވަރު މީހުންގެ ބައިވަރު މަސައްކަތް."
އާ ޝަހަރެއް ބިނާކުރުމަކީ ހަމައެކަނި އިމާރާތްތަކެއް ކޮޅަށްޖެހުމެއް ނޫނެވެ. އެއީ އިންސާނީ ދިރިއުޅުމުގެ ވިންދު އެ ތަނެއްގައި ޖައްސުވައި، މުޖުތަމައެއް އުފަންކުރުވުމެވެ. އެގޮތުން 2004 ވަނަ އަހަރު ހުޅުމާލެއަށް މީހުން ފުރަތަމަ ބަދަލުވިއިރު ސަރުކާރުން އެޅި ފްލެޓްތައް ފިޔަވައި އެތަނުގައި އޮތީ ހަމައެކަނި ފަސްގަނޑެކެވެ.
ހުސައިން ފަދަ ފުރަތަމަ ވަޒަންވެރިންނަކީ، ނޭނގޭ އާ މާހައުލަކަށް ހިޖުރަކުރި ބައެކެވެ. ހުސައިން ވިދާޅުވި ގޮތުގައި، އެއިރު މުޅި ރަށް އޮންނަނީ އަނދިރިކޮށެވެ. މިއީ މާލޭގެ ތޮއްޖެހުމާއި ހަލަބޮލިކަމުގެ ތެރެއިން ނުކުމެ، މުޅީން އާ ފެށުމަކުން ދިރިއުޅުން ފަށަން ނިންމި އާއިލާތަކަށް ކުރިމަތިވި ވަރަށް ބޮޑު ނަފުނީ އަދި ޖިސްމާނީ އިމްތިހާނެއްގެ ގޮތުގައި ހުސައިން ސިފަކުރެއްވިއެވެ.
ހުސައިން ކިޔައިދިން ގޮތުގައި ކުދިކުދި ބޭނުންތަކަށް ވެސް އޭރު ޖެހެނީ މާލެ ދާށެވެ. މިއީ މިއަދުގެ ޒުވާން ޖީލަށް ތަސައްވުރުކުރަން ވެސް ދަތިވާނެ ކަމެކެވެ. ސަބަބަކީ މިއަދު ހުޅުމާލެއަކީ ބޮޑެތި ޝޮޕިން މޯލްތަކާއި ޒަމާނީ ހޮސްޕިޓަލްތަކާއި ކެފޭ ރެސްޓޯރެންޓްތަކުން ފުރިފައިވާ ފުރިހަމަ ސިޓީއަކަށް ވުމެވެ.
ފުރަތަމަ ވަޒަންވެރީންނަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދަތުރުފަތުރުގެ ނިޒާމެވެ. ސިނަމާލެ ބްރިޖު ނެތް އެ ޒަމާނުގައި، މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރީ ކަނޑުމަގުން ފެރީގައެވެ. ފެރީ ނިޒާމަކީ މޫސުމަށް ވަރަށް ބޮޑަށް ބަރޯސާވާ ނިޒާމަކަށް ވުމާއެކު، ކަނޑުގަދަ ދުވަސްތަކުގައި ދަތުރުކުރުމަކީ ބޮޑު ބިރެކެވެ. ހުސައިން ފާހަގަކުރެއްވި ގޮތުގައި، ވަޒީފާއަށް ދިއުމަށާއި ކުދީން ސްކޫލަށް ގެންދިއުމަށް ކޮންމެ ދުވަހަކު ފެރީއަށް އެރުމަކީ އެއިރުގެ ރައްޔިތުންގެ ދިރިއުޅުމުގެ އެންމެ ބޮޑު އެއް ބައެވެ. ފެރީން ޖާގަ ނުލިބުމާއި، ގަޑިޖެހުމުގެ ބިރު އަބަދުވެސް އޮވެއެވެ.
ސިއްހީ ފަރުވާ ހޯދުމަކީ ވެސް ވަރަށް އުނދަގޫ ކަމެކެވެ. ކުއްލި ހާލަތެއް ދިމާވެއްޖެނަމަ، މާލެއަށް ބަލިމީހާ ގެންދިއުމަށް ކުރާން ޖެހޭ މަސައްކަތްތަކަކީވެސް ތަކުލީފުން ފުރިގެންވާ މަސައްކަތެކެވެ. އެއިރު ހުޅުމާލޭގައި ހޮސްޕިޓަލުތަކާއި ކްލިނިކްތަކެއް ނުހުރެއެވެ.
ކޮންމެ ދަތިކަމަކާއެކު ފަސޭހަކަމެއް ވާނެކަމަށް ބުނާ އުސޫލުން، ހުޅުމާލޭގެ ފުރަތަމަ ދުވަސްވަރުގެ އެކަހެރިކަމާއި ވަސީލަތްތަކުގެ މަދުކަމުގެ ސަބަބުން އުފަންވީ ވަރަށް ބަދަހި އިޖުތިމާއީ ގުޅުމެކެވެ. ހުސައިންގެ ތަޖުރިބާއިން އެންމެ ބޮޑަށް ފާހަގަވާ އެއްކަމަކީ، އެއިރު ހުޅުމާލޭގައި ދިރިއުޅުނު މަދު އާއިލާތަކުގެ މެދުގައި އޮތް އެކުވެރިކަމެވެ. އެންމެން އެންމެން ދަންނަ، އަދި އެކަކު އަނެކަކަށް އެހީތެރިވާ މުޖުތަމައެކެވެ. މިއީ ސޯޝިއޮލޮޖީ ނުވަތަ އިޖުތިމާއީ އިލްމުގައި ކިޔާ "ޝެއާޑް އެޑްވަރސިޓީ" ނުވަތަ އެންމެން ގުޅިގެން ދަތިތަކާ ކުރިމަތިލުމުގެ ސަބަބުން އުފެދޭ ގުޅުމެވެ. ގޭގައި ކައްކާ އެއްޗެހި އަވަށްޓެރީންނަށް ބެހުމާއި ކުއްލި ހާލަތެއް ދިމާވުމުން އެންމެން އެކީގައި ނުކުމެ އެހީތެރިވުމަކީ އެއިރުގެ އާދައެވެ. މާލޭގެ ތޮއްޖެހިފައިވާ މާހައުލުގައި އަވަށްޓެރިޔާ ނޭނގި ދިރިއުޅެމުންދިޔަ އެތައް ބަޔަކަށް، ހުޅުމާލެއިން ލިބުނީ ރާއްޖެތެރޭގެ ރަށްރަށުގައި އޮންނަ ފަދަ ގާތް، އެކުވެރި މާހައުލެކެވެ.
ހުޅުމާލެއަކީ ރާއްޖޭގައި ހިންގުނު އެންމެ ކާމިޔާބު އެއް މާސްޓަޕްލޭން މަޝްރޫއެވެ. އެޗްޑީސީން މި މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ވަކި ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. ހުސައިން ފަދަ ބޭފުޅުންނަކީ ފުރަތަމަ ފިޔަވަހީގެ އެންމެ ކުރީކޮޅު އެތަނަށް ބަދަލުވި މީހުންނެވެ. އޭގެ ފަހުން، މަގުތައް ހެދި، ޕާކުތައް ބިނާކުރެވި، ވިޔަފާރިތައް ފުޅާވެ، ދެވަނަ ފިޔަވަހި ހިއްކި، އެތައް ސަތޭކަ ޓަވަރުތަކެއް ވަނީ އިމާރާތްކުރެވިފައެވެ.
ހުސައިންގެ ލޮލުމަތީގައި ވަމުން ދިޔަ މި ބަދަލުތަކަކީ، ރޭވުންތެރިކަމާއެކު ކަމެއް ކޮށްފިނަމަ ނުކުންނާނެ ނަތީޖާގެ ދިރިހުރި ހެއްކެކެވެ. އެއިރު އޮތް ހުސް ބިންތައް މިއަދު ފެހިކަން ގަދަ ޕާކުތަކަށާއި، ކުޑަކުދީން ކުޅޭ މައިދާންތަކަށް ބަދަލުވެފައިވާ މަންޒަރު ފެނުމުން ލިބެނީ ބޮޑު އުފަލެއްކަމުގައި ހުސައިން ފާހަގަކުރެއްވިއެވެ.
އެޗްޑީސީގައި ދުވަސްވީ ހުސައިނަށް މިއަދުގެ ތަރައްގީ ވެފައިވާ ހުޅުމާލެ ފެނުމުން މާޒީ އިޔާދަ ވެ، އަމިއްލަ ނަފުސާމެދު ފަހުރުވެރި ވެވެއެވެ މެޝިނަރީތައް މަދުއިރެއްގައި އަމިއްލަ އަތުން ވަޅުތައް ކޮނެގެން ޖެހި ގަސްތަކުން ހިޔާ ލިބި، ޒަރޫރީ ބޭނުންތައް ނުފުދޭ ހާލު، ހުޅުމާލެ އާރާސްތު ކުރުމުގެ އަމަލީ ހިއްސާދާރަކަށްވެވުމަކީ މިއަދުވެސް އޭނާ ފަޚުރުވެރިވާ ކަމެކެވެ.
"އެޗްޑީސީގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް އަޅުގަނޑު ދަންނަވާލަން އޮތީ މެސެޖެއް އިނގޭތޯ. އަޅުގަނޑުމެން ހިނގާށޭ ތިން ނޫނު ބޭނުން ނުކޮށް ތިން ކާފު ބޭނުންކުރަން. ނުކުރެވޭނެ، ނުވާނެ، ނުކެރޭނެ އަޅުގަނޑުމެން ހިނގާށޭ އޭތި ކެންސަލް ކޮށްލަން. ކެެރޭނެ، ކުރެވޭނެ، ކުރާނަން. މި ތިން ކާފު އެޗްޑީސީގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންވެސް ބޭނުންކުރާށޭ. މި ދެންނެވި އެއްޗެއްގެ މާނައަކީ ކިތަންމެ ބުރަޔަސް ނުވާނެއޭ ނުދަންނަވާށޭ. ބުރަ މަސައްކަތް ވާނީ ގިނަ ދުވަހުން. އެކަން ގަބޫލުކުރަން ޖެހޭނެ. އަޅުގަނޑުމެންނަށްވެސް މި ގަސްތައް އިންދުނީ އެންމެ ދުވަހަކުން ނޫން. މިއީ ބައިވަރު ދުވަސް، އެތައް އަހަރެއް." ތަޖުރިބާގެ އަލީގައި ހުސައިން ދޫކޮށްލީ ފުން މެސެޖެކެވެ.
އެޗްޑީސީގައި 22 އަހަރުވީއިރު، ހުސައިންއަކީ ގަޑިއަށް ފަރުވާތެރި މީހެކެވެ. މަދު ބަޔަކާއެކު، ހުޅުމާލެ ފެހިކުރަން ހުސައިންމެންގެ ޓީމުން ފެށިއިރު މިއަދު ޒަމާނީ މެޝިނަރީތަކާއެކު، މަސައްކަތް ފަސޭހަވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މިއަދުވެސް އޭނާއަކީ، އެޗްޑީސީގެ ނާސަރީގެ އިސް މުވައްޒަފަކެވެ. ގަސްތަކުން އޭނާއަށް ލިބެނީ އާދަޔާހިލާފު ހިތްހަމަޖެހުމެކެވެ. އެއީ އޭނާގެ ދިރިއުޅުމުގެ އެންމެ މުހިންމު އެއް ބައެވެ.
އަލީ ޔާމިން
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ