ބ. ދަރަވަންދޫ އެއާޕޯޓު ހިންގުން ރަސްމީކޮށް އައިލެންޑް އެވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭސް)އާ ހަވާލުކޮށްފިއެވެ.
ދަރަވަންދޫ އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް މުހައްމަދު އަހުމަދު ޝަމީމެވެ. އައިލެންޑް އެވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ދަރަވަންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ ރައްޔިތުން ބޭނުންވާ ފެންވަރަށް ދަރަވަންދޫ އެއާޕޯޓް ތަރައްގީކުރުމުގެ ގޮތުން އެ އެއާޕޯޓް ރަސްމީކޮށް، އައިލެންޑް އެވިއޭޝަނާ ހަވާލުކޮށްދޭނެ ކަމަށެވެ.
ދަރަވަންދޫގައި އެއާޕޯޓުގެ ހިދުމަތް ދޭންފެށިތާ މިހާރު ވަނީ 14 އަހަރު ވެފައެވެ.
ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސްއިން ދަރަވަންދޫ އެއާޕޯޓް ހަދައި ހުޅުވާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހުގައެވެ.
ދަރަވަންދޫ އެއާޕޯޓް މީގެ ކުރިން ހިންގަމުން އައީ ކޯސްޓްލައިން ކުންފުންޏާއި އައިލެންޑް އޭވިއޭޝަންއާ ދެމެދު ހަދާފައިވާ އޮޕަރޭޝަން އެންޑް މެނޭޖްމެންޓް އެއްބަސްވުމެއްގެ ދަށުން، އައިލެންޑް އޭވިއޭޝަނުންނެވެ.
ދަރަވަންދޫ އެއާޕޯޓަށް މޯލްޑިވިއަން، ފްލައިމީ އަދި މަންތާއިން ދަތުރުކުރެއެވެ. އެ އެއާޕޯޓް ހުޅުވި ފަހުން މިހާތަނަށް 42،000 އަށްވުރެ ގިނަ ފްލައިޓް އޮޕަރޭޓްކޮށްފައިވެއެވެ. އަދި އެ ފްލައިޓްތަކުގައި 1.8 މިލިއަނަށް ވުރެ ގިނަ ފަސެންޖަރުން ވަނީ ދަރަވަންދޫ އެއާޕޯޓުން ހިދުމަތް ހޯދާފައެވެ. އޭގެ ތެރެއިން 72 ޕަސަންޓަކީ ފަތުރުވެރިންނެވެ.
ދަރަވަންދޫ އެއާޕޯޓުގައި 99 މުވައްޒަފުން މަސައްކަތް ކުރަމުންދެއެވެ.
މުހައްމަދު އިޝާން
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު
އިރާން