ޑޮކްޓަރީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް އާއި މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގެނައުމަށް ސަރުކާރުން އުފައްދާފައިވާ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްއިން ފަސޭހައިން އާއްމުންނަށް ބޭސް ފޯރުކޮށްދިނުމަށް، ބޭސް ކުންފުނިން ޕޯޓަލްއަކާއި ހާއްސަ ހޮޓްލައިނެއް މިއަދު ތައާރަފްކޮށްފިއެވެ.

އެކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކޯޕަރޭޝަނުން އަލަށް ތައާރަފްކުރި، ހާއްސަ ހޮޓްލައިން "1505" އަދި ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ބޭހުގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.

ޒަރޫރީ ބޭސްތައް ހޯދުމުގައި ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ކުރިމަތިވާނަމަ، އެހޮޓްލައިން މެދުވެރިކޮށް ބޭހަށް އޯޑަރުކުރުމާއި، ބޭސް ލިބޭނެ އިންތިޒާމުތައް، ހަމަޖައްސައިދޭނެ ކަމަށް އެކޯޕަރޭޝަނުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އަދި "އީ-ފާސް" މެދުވެރިކޮށް ކޮންމެ ރައްޔިތަކަށްވެސް، އެ ޕޯޓަލްއަށް ވަދެވޭނެ ކަމަށެވެ.

"ސްޓޭޓްފާމާ ޕޯޓަލް" އިން ބޭސް ހޯދުމަށް އެދުމާއި އެދިފައިވާ ބޭސް ލިބުމުގެ އެންމެފަހުގެ އަދާހަމަ އަކީ ކޮބައިކަން ދެނެގަނެވޭނެ ކަމަށެވެ.

އެ ޕޯޓަލް ފަރުމާކުރެވިފައި ވަނީ އެންސްޕާގެ ނިޒާމާ ގުޅުވާލެވިގެން ކަމަށްވާތީ، މިހާރުވެސް ހިނގަމުންދާ ނިޒާމުގެ ތެރެއިންނާއި ސްޓޭޓްފާމާ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ހުށަހެޅުންތަކަށް، އަވަސް ހިދުމަތެއް ލިބިގެންދާނެ ކަމަށް ވެސް އެކޯޕަރޭޝަނުން ބުންޏެވެ.

އެ ކޯޕަރޭޝަނުން އިތުރަށް ބުނީ އެ މަސައްކަތުގެ މައިގަނޑު މަގުސަދަކީ އާންމު ރައްޔިތުންނަށް ލުއިފަސޭހަކަމާއި، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ބޭހުގެ ޖިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.