އިންތިހާބެއް އަންނާތީއޭ ކިޔާފައި އެ ދުވަސްވަރަށް މަޝްރޫއުތައް ހުއްޓާލުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ރައީސް ވިދާޅުވީ އަހަރެއްގެ މެދުތެރޭގައި އިންތިހާބު އައުމާއި އެ އަހަރަށް ކަނޑައަޅާފައިވާ މަޝްރޫއުތައް ކުރިއަށް ގެންދިއުމާ ގުޅުމެއް ނެތް ކަމަށެވެ.
"ދެން އަޅުގަނޑުމެން ތިބެންވީތޯ އަޅުގަނޑުމެން މިއަހަރަށް ކަނޑައެޅި ބަޖެޓު ތަންފީޒު ނުކޮށް އެ ވޯޓުލާ ނިމެންދެން. އެއީކީވެސް ރައްޔިތުންނަށް ހައްގު މިންވަރެއް ނޫނެއް ނޫންތޯ؟ މިސާލަކަށް އަޅުގަނޑުމެން އޭޕްރިލް މަސް ނިމެންދެކަށް ސަރުކާރުން އެއްވެސް ކަމެއް ނުކޮށް އަޅުގަނޑުމެންގެ އެއްވެސް މަޝްރޫއެއްވެސް ކުރިއަށް ނުގެންގޮސް ހަމަ މަޑުޖައްސާލައިގެން ސްޓޭންޑް ސްޓިލްގައި އެއީ ވަރަށް ގައިރު ޒިންމާދާރު ގޮތެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިދިޔަ އަހަރާއި މިއަހަރުގެ ތެރޭގައި އެމަނިކުފާނުގެ ވައުދުފުޅުތަކާ އެއްގޮތަށް އަމަލީ މަސައްކަތް ކުރާން ޖެހޭ މަޝްރޫއުތައް ފަށާނެ ކަމަށް އަބަދުވެސް އެމަނިކުފާނު ތަކުރާރުކުރައްވާ ކަމަށެވެ. އެހެންވެ އެއްބައި މަޝްރޫއުތައް މިދިޔަ އަހަރުގެ ތެރޭގައި ފަށައި އަނެއްބައި މަޝްރޫއުތައް މިއަހަރު ފަށަމުން އަންނަ ކަމަށެވެ.
އިންތިހާބު ބޯމަތިވެފައިވާކަމަށް ބުނެ މުޅި އެ މަހު މަޝްރޫއުތައް ހުއްޓާލައިގެން ތިބެގެން އެ އަހަރު ކުރާން ނިންމާފައިވާ މަޝްރޫއުތައް ނުނިންމޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ބައެއް ވައުދުތަކަކީ ފިޒިކަލް ވޯކް ކުރާން ޖެހޭ އެއްޗެއްސެއް ނޫން. އެއީ ނިޒާމަށް ގެންނަ ބަދަލު އެހެން ނޫނީއްޔާ މިހެންގޮސް ދެން ހުންނަ ވައުދުތައް ބައިވަރު އެބަހުރި އަޅުގަނޑުގެ. ބައިވަރު ވައުދުތަކަކީ އިމާރާތެއް ކުރާން ޖެހޭ ވައުދުތަކެއްނޫން." ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު