އަންނަ ހޮނިހިރު ދުވަހު ބާއްވާ ފެންނަ ނުފެންނަ ވޯޓަށް ގިނަ ރައްޔިތުންގެ ތާއީދު ލިބިގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ އެންމެ "ޕްރީ އެންޑް ފެއާ" އިންތިހާބު ބޭއްވޭނެ ގޮތް ކަމަށެވެ.
ރައީސް ވިދާޅުވީ، އެ މަނިކުފާނު ދެކެވަޑައިގަންނަވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގިނަ ރައްޔިތުން ގަބޫލު ކުރާނެ ކަމަށެވެ.
"އެހެން މި ދަންނަވާ ސަބަބަކީ ރައީސަކަށް ހޮވާ މީހާ އެއިރަކު [ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން] ނޭނގޭނެ. އެހެން ނޫނީ ސަރުކާރު [ރައީސަކު] މި އޮންނަނީ ހޮވިފައި. ދެން މި ދަނީ ހަ މަސް ފަހުން މަޖިލިސް އިންތިހާބަށް. ކެންޑިޑޭޓު މި ދަނީ ތިމަންނައަކީ ސަރުކާރުގެ ޕާޓީއޭ، ރައީސް ނިސްބަތްވާ ޕާޓީގެ މީހާއޭ. އެ ހިސާބުން އެބަ ގެއްލޭ ފެއާނެސް،" ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ މިދިޔަ ތިން ދައުރުން މިސާލު ނަންގަވައި ރައީސް ވިދާޅުވީ، އެއިރެއްގައި އޮންނަ ސަރުކާރަކަށް މަޖިލީހުގެ މެޖޯރިޓީ ލިބެމުންދަނީ ވެރިކަން ކުރާ ޕާޓީގެ ބާރުގެ ތެރެއިން ކަމަށެވެ. އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެގެން އަންނަނީ، "ސަރުކާރު ކެންޑިޑޭޓު" ގެ ގޮތުގައި ނުވަތަ ވެރިކަން ކުރާ ޕާޓީއާއި އެކު ގޮސް ކުރާ ކެމްޕެއިނުގެ ތެރެއިންކަމަށެވެ.
"ތިންބާރު ވަކިވެފަ އޮންނަ ނިޒާމެއްގަ މަޖިލީހަކީ ސަރުކާރު ޖަވާބުދާރީ ކުރާ ބާރު. އެތަނުގަ ތިބެނީ މުޅިން ސަރުކާރު މެންބަރުން ކަމަށް ވަންޏާ ނޫނީ ބޮޑު އަދަދަކުން ތިބެންޏާ ކޮންމެ ގޮތެއް ވިޔަސް މި ހަމަ ވިސްނާއިރުގަ އެއަށްވުރެ މާ ބޮޑަށްވެސް ސަރުކާރެއް ޖަވާބުދާރީ ކުރުމުގެ ފުރުސަތު އެތައް ގުނައަކުން ބޮޑުވެއޭ އެބަ އެ މަޖިލީހުން ހޮވޭ މެންބަރުންނަކީ ސަރުކާރަށް ނިސްބަތްވާ ޕާޓީ، އިދިކޮޅު ޕާޓީ އަނެއް ޕާޓީތައް ވީހާވެސް ގިނަ ޕާޓީއެއްގެ މެމންބަރުން އެތަނުގަ އެކަށީގެންވާ އަދަދަކަށް ތިބޭ އީވެންލީ ޑިސްޓްރިބިއުޓެޑް މަޖިލީހެއް އައިއްސިއްޔާ." ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެ ބަދަލުގެ ސަބަބުން ލިބޭނެ އެންމެ ބޮޑު ފައިދާއަކީ ދައުލަތުގެ ތިން ބާރުގެ މެދުގައި އޮންނަންޖެހޭ "ޗެކް އެންޑް ބެލެންސް" ނުވަތަ ފާރަވެރިވުމުގެ ނިޒާމު ވަރުގަދަވުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު