ރިޔާސީ ދައުރު ދަންމާލުމުގެ އެއްވެސް ކަހަލަ މަސައްކަތެއް ނުކުރައްވާ ކަމަށާއި ކުރިއަށްއޮތްތަނުގައި ވެސް ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީން އިންތިޒާމުކޮށްގެން މިރޭ ބޭއްވި ޒުވާނުންގެ ބައްދަލުވުމެއްގައި ޒުވާނަކު ވަނީ، ބައެއް އިދިކޮޅު ފަރާތްތަކުން މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތަކުގައި ރައީސް އުޅުއްވަނީ ދައުރު ދަންމާލަން ކަމަށް ލިޔެފައިވާކަން ފާހަގަކޮށްފައެވެ. އަދި އެއީ ތެދު ވާހަކައެއްތޯ ރައީސްއާ ސުވާލު ކުރިމަތިކުރުވިއެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެކަހަލަ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި މި ގައުމުގައި މި ނަގަން އުޅޭ ހިޔާލު ހޯދުމުގެ ވޯޓުގައި އެކަހަލަ ކަމެއް ނެތް ކަމަށެވެ. އަދި ވޯޓުގައި އޮންނާނީ މަޖިލީހުގައި މިހާރު މި ހިނގާ ދައުރު ކުރުކޮށްލުމުގެ ސުވާލު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ހައެއްކަ މަސް ކުރުކޮށްލަން ޖެހެންޏާ، ގާނޫނުއަސާސީ އޮތް ގޮތުން ރައްޔިތުންގެ ގާތުން އަހަން ޖެހޭނެ. އެހެންވީމާ ވޯޓު މި އަހަނީ މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށްލާފައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރައްޔިތުންނަށް ފެންނަ ކަމެއްތޯ، އާނއޭކޭ ނުވަތަ ނޫނެކޭ، އެއަށް އެއްޗެއް ވިދާޅުވެދެއްވާށޭ. މިއަކު ނާދޭ ރިޔާސީ އިންތިހާބު ދިގުކުރާ ވާހަކައެއް، ދިގުކުރާ ވާހަކައެއް، އެހެންކަމެއް. ނޫން، އެކަހަލަ ކަމެއް ކުރާކަށް ނުވެސް އުޅެން، ނުވެސް ކުރާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން، އެކަމުން ފައިދާތައް ނޫން އެހެން އެއްވެސް ކަމެއް ނެތް ކަމަށާއި އޭރުން ހަރަދުތައް ކުޑަވެ، ޑިމޮކްރަސީ އިތުރަށް ހަރުދަނާވެ، އިންތިހާބުވެގެންދާނީ މިނިވަން އިންތިހާބަކަށް ކަމަށެވެ. އަދި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ނުފޫޒުތަކުގައި ޖެހުމުގެ ސަގާފަތް ވެސް ނެތިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ނަގާ ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، ލޯކަލް ކައުންސިލު އިންތިހާބާއެކު އަންނަ މަހުގެ ހަތަރުވަނަ ދުވަހުއެވެ.