ނޭޕާލްގެ ބޮޑުވަޒީރު ކަމުގެ ހުވާ ބަލެންދްރާ ޝާހް ކުރައްވައިފިއެެވެ.

މިމަހުގެ ކުރީކޮޅު ކުރިއަށްދިޔަ ނޭޕާލްގެ އާންމު އިންތިހާބު ތަފާތު ބޮޑުކޮށް ކާމިޔާބުކުރެއްވި ބަލެންދްރާ ޝާހް ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި މަގާމު ހަވާލުކުރެއްވީ އެ ގައުމުގެ ރައީސް ރާމް ޗަންދުރާއެވެ.

ނޭޕާލްގެ ބޮޑުވަޒީރު ކަމަށް އައްޔަނު ކުރި އެންމެ ޒުވާން ލީޑަރުކަމަށް ޝާހު ވެފައިވާ އިރު، ޝާހުއަށް އެ މަގާމު ލިބިވަޑައިގަތުމަށް މެދުވެރިވެފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެގައުމުގައި ކުރިއަށްދިޔަ މުޒާހަރާތަކާއެކު އޭރުގެ ސަރުކާރު އިސްތިއުފާ ދިނުމެވެ.

ޖުމުލަ 275 މެންބަރުން ހިމެނޭ ނޭޕާލުގެ ގާނޫނު ހަދާ މަޖިލީހުގެ 182 ގޮނޑި ކާމިޔާބުކޮށްފައިވާ ޝާހުގެ ރަސްތްރިޔާ ސްވަތަނާ ޕާޓީން ވަނީ ތާރީހީ މޮޅެއް ހޯދައިފައެވެ.

ނޭޕާލުގެ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ކުރީގެ ރެޕް ލަވަކިޔުންތެރިޔާ ޝާހު ވަނީ ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވުމަށްފަހު އާންމުންނަށް ހާއްސަ ލަވައެއް ވެސް ރިލީޒްކުރައްވައިފައެވެ.