ރައްޔިތުންގެ ހިޔާލު ހޯދަން ނަގާ ފެންނަ ނުފެންނަ ވޯޓުގައި، ސުވާލު އޮންނަންވީ ވަކި ގޮތެއް ގާނޫނުއަސާސީގައި ކަނޑައަޅާފައި ނޯންނަ ކަމަށް ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފިއެވެ.

ބަންޑާރަނާއިބު އޮފީހުން މިހެން ބުނީ، އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓާއެކު ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން ނަގަން ނިންމާފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ހިމަނާފައިވާ ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށްބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގައި މިއަދު ފަށައި އަޑުއެހުންތައްވެސް ވަނީ ނިންމާލައިފައެވެ.

ފެންނަ ނުފެންނަ ވޯޓުގައި އަހަން ހަމަޖެހިފައިވާ ސުވާލަކީ، "ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟"

މި ސުވާލު ގާނޫނުއަސާސީއާ ހިލާފްކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އަހުމަދު އައިކް އީސާ އާއި އިބްރާހީމް ޝިޔާމްއެވެ.

އެ ގޮތް ގާނޫނާހިލާފު ކަމަށް ޝިޔާމް ހުށަހެޅުއްވި މައްސަލައަށް ޖަވާބުދެއްވައި ރައްދުދެއްވަމުން، ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ހައްވާ ސަނާ ވިދާޅުވީ ސުވާލު އޮންނަންވީ ވަކި ގޮތެއް ގާނޫނުއަސާސީގައި ކަނޑައަޅާފައިނުވާ ކަމަށާއި އެއީ ރައީސުލްޖުމްހޫރިއްޔާއަށް ދޫކޮށްލާފައިވާ ކަމެއް ކަމަށެވެ.

އެހެންކަމުން ސަނާ ވިދާޅުވީ އާންމު ވޯޓުގެ ސުވާލު މިހާރު ފަރުމާކޮށްފައި އޮތީ، ގާނޫނުއަސާސީގެ 262 ވަނަ މާއްދާއާ ހިލާފަށް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އަކީ ސުވާލުގެ އިބާރާތް އޮންނަންވީ ގޮތާއި ސުވާލު ފަރުމާކުރަންވީ ގޮތް ބަޔާންކުރާ މާއްދާއެއް ނޫން ކަމަށެވެ. އެ މާއްދާއަކީ ގާނޫނުއަސާސީއަށް ގެންނަ ވަކި ބަދަލުތައް ރައީސަށް ތަސްދީގުކުރެވޭނީ ހިޔާލު ހޯދުމުގެ ވޯޓަކުން ރައްޔިތުންގެ އަގުލަބިއްޔަތު ލިބިގެންކަން ބަޔާންކުރާ މާއްދާއެއް ކަމަށެވެ.

ސަނާ ވިދާޅުވީ އާންމު ވޯޓުގެ ސުވާލު އޮންނަންވީ ގޮތް ކަނޑައަޅަން ދޫކޮށްލާފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަަމަށާއި އެކަމުގައި ރައީސް އަމަލުކުރައްވަން ޖެހޭ އިޖުރާއަތު ހިޔާލު ހޯދުމުގެ ވޯޓު ނަގާ ގާނޫނުގައި ބަޔާންކުރާ ކަމަށެވެ. އަދި ގާނޫނުގައިވާ ގޮތުން ސުވާލު ކަނޑައަޅަން ޖެހޭނީ ރައީސް ނެރުއްވާ ގަރާރަކުން ކަމަށް ސަނާ ވިދާޅުވިއެވެ.