އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓާއެކު ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން ނަގަން ނިންމާފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި އަހަންޖެހޭނީ، މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ އުމުރު ކުރުކުރަން ފެނޭތޯ، ކަމަށް އެ ވޯޓު ހުއްޓުވުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހެޅުއްވި ގާނޫނީ ވަކީލު އިބްރާހީމް ޝިޔާމް ވިދާޅުވެއްޖެއެވެ.

ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލުގެ ގޮތުގައި މިދިޔަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެކުގައި ބާއްވަން ގާނޫނުއަސާސީގެ 72 ވަނަ މާއްދާއަށް ބަދަލު ގެނަސް، 2029 ވަނަ އަހަރަށް ނިމޭގޮތަށް މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރު 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހަށް ހަމަވާގޮތަށް، މަޖިލީހުގެ ދައުރު ކުރުކޮށް، އެ ތާރީހުގެ ފަހުން މިހާރު އޮތް މަޖިލިސް އުވުނީ ކަަމަށާއި، އަލަށް އިންތިހާބުކުރާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ޑިސެންބަރު މަހުގެ އެއްވަނަ ދުވަހު ބާއްވަންޖެހޭނެކަމަށް 79 ވަނަ މާއްދާއަށް ބަދަލު ގެނެސްފައެވެ.

ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ހ) ގައި ބުނަނީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް މަޖިލީހުން ފާސްކުރާ ބިލެއް ގާނޫނަކަށް ވާނީ ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަސްދީގުކުރެއްވުމުން ކަމަށެވެ.

ނަމަވެސް ހަމަ އެ މާއްދާގެ (ށ) ގައި ބުނަނީ މި މާއްދާގެ (ހ) އެހެން އޮތް ނަަމަވެސް ގާނޫނުއަސާސީގެ ދެވަނަ ބާބު ކަމަށްވާ "އަސާސީ ހައްގުތަކާއި މިނިވަންކަން" ބާބުގައި ހިމެނޭ އެއްވެސް މާއްދާއަކަށް، އަދި 79 ވަނަ މާއްދާގައި ބަޔާންކުރާ މަޖިލީހުގެ އުމުރާއި، 107 ވަނަ މާއްދާގައި ބުނާ ރިޔާސަތުގެ ދައުރާއި، 108 ވަނަ މާއްދާގައި ބުނާ ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތާއި، ތިންވަނަ މާއްދާގައި ބުނާ ދިވެހިރާއްޖޭގެ ސަރަހައްދާ ބެހޭގޮތުން މަޖިލީހުން ފާސްކުރާ އެއްވެސް ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރަންވާނީ އެ އިސްލާހެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއްގައި އެ އިސްލާހެއް ގެނައުމަށް ވޯޓުދިން މީހުންގެ އަގުލަބިއްޔަތު ލިބިއްޖެ ނަމަ ކަމަށެވެ.

އެ އިސްލާހެއް ގެނައުމަށް، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި ވޯޓުދިން މީހުންގެ އަގުލަބިއްޔަތު ނުލިބިއްޖެނަމަ އެ ބިލެއް ބާތިލުވީ ކަމަށްވެސް ބުނެފައިވެއެވެ.

އަންނަ އޭޕްރީލް މަހުުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލްތަކުގެ އިންތިހާބާއެކު، ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރަން ފެނޭތޯ ބެލުމަށްޓަކައި، އާއްމު ވޯޓެއް ނަގަން ނިންމާފައިވަނީ އެ ސަބަބައްޓަކައެވެ.

އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރުން ފެންނަ ނުފެންނަ ވޯޓުގައި އަހަން ހަމަޖެހިފައިވާ ސުވާލަކީ، "ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟" މި ސުވާލެވެ.

މި ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އަހުމަދު އައިކް އީސާ އާއި އިބްރާހީމް ޝިޔާމެވެ.

ސުޕްރީމް ކޯޓުގައި މިއަދު އޮތް މި މައްސަލައިގެ އަޑުއެހުމުގައި، އެޓާނީ ޖެނެރަލްގެ އޮފީހާއި، ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް އާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މައްޗަށް މި މައްސަލަ ހުށަހަޅުއްވަމުން އިބްރާހީމް ޝިޔާމް ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލާގޮތަށް، ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލުގައި، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ އިމުގެ ބޭރުންވެސް ކަންކަން ހިމަނާފައިވާ ކަމަށެވެ.

އެހެންކަމުން މުޅި ބިލު ތަސްދީގު ކުރަން ފެނޭތޯ އެހުމަކީ ގާނޫނުއަސާސީއަށް ގެނެވޭ ހަގީގީ ބަދަލު ރައްޔިތުންނަށް ވަންހަނާވެގެންދާ ގޮތަށް ފަރުމާކޮށްފައިވާ ސުވާލެއް ކަމަށެވެ.

އެކަމާ ގުޅިގެން ވޯޓުގައި ކުރަން ހިމަނާފައިވާ ސުވާލަކީ ގާނޫ އަސާސީގެ 262 ވަނަ މާއްދާގެ (ށ) އިން (އާއްމު ވޯޓު ނެގުމަށް) ލާޒިމުކުރާ އުސޫލުތަކުގެ ތެރެއިން ފަރުމާކޮށްފައިވާ ސުވާލަކަށް ނުވާތީ އެ ސުވާލުގެ މައްޗަށް ބިނާކޮށް އޭޕްރީލް މަހުގެ ހަތަރުވަަނަ ދުވަހު ބާއްވާ ހިޔާލު ހޯދުމުގެ އާއްމު ވޯޓު ބާއްވައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ހުށަހެޅުން އަޅުގަނޑުމެން ހުށަހަޅާ ގާނުނީ އަދި ޝަރުއީ ސަބަބުތަކަކީ، 262 ވަނަ މައްދާގެ ދަށުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަންވާނީ އެ މާއްދާގެ (ށ)ގައި ލިސްޓު ކުރެވިފައިވާ މައްދާއަކަށް ގެންނަ ބަދަލުތަކާ މެދު ރައްޔިތުން ރުހޭތޯ، ނުވަތަ ނޫންތޯ ކަމަށް ބަޔާންކޮށްފައިވާއިރު އޭޕްރީލް ހަތަރެއްގައި ބައްވާ އާއްމު ހިޔާލު ހޯދުމުގެ ވޯޓުގެ ސުވާލު ފަރުމާކޮށްފައިއޮތީ ގާނޫނުއަސާސީއަށް ގެނެވޭ ހަގީގީ ބަދަލު ރައްޔިތުންނަށް ވަންހަނާވާގޮތަށް، އެއީ 262 ވަނަ މާއްދާއާ ހިލާފުކަމެއް،"

ޝިޔާމް ވިދާޅުވީ، ގާނޫނުއަސާސީގެ 262 މައްދާގައި ލިސްޓްކޮށްފައިވާ އެއްވެސް މާއްދާއަކަށް ގެންނަ އިސްލާހެއް ރައީސް ތަސްދީގު ކުރައްވަންވާނީ އެ އިސްލާހެއް ގެންނަން ރައްޔިތުން ރުހޭތޯ ބަލަން އަހާ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓެއްގައި އަގުލަބިއްޔަތު ލިބިގެންކަމަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލުގައި، ދެ އިންތިހާބު އެއްކޮށްލަން، ގާނޫނު އަސާސީގެ 79 ވަނަ މާއްދާއަށް ގެނައި އިސްލާހުގެ އިތުރުން އެހެން ބައެއް މާއްދާތަކަށް ބެދަލު ގެނެސްފައިވާކަން އެ ބިލުން ފެންނަން އޮންނަ ކަމަށްވެސް އޭނާ ވިދާާޅުވިއެވެ.

މަޖިލީހުގެ އުމުރު ކުރުވާކަން އަދި ކުރުވަނީ ކިހާ މުއްދަތަކަށްކަން ރައްޔިތުންނަށް ސާފުވާން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"އެގޮތުން އެ ބިލުގެ ހަތަރުވަނަ މާއްދާގެ (ށ) އިން ގެނެސްފައިވާ އިސްލާހުގައި އޮންނަގޮތުން މިހާރު ފަސް އަހަރުގެ ދައުރަކަށް އިންތިހާބުވެފައި އޮތް ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމުގެ ކުރިން އެ މަޖިލިސް އުވާލެވޭ، އެ ބިލުގެ ތިންވަނަ މާއްދާއިން ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ނ)އަށް ގެންނަ ބަދަލު އޮތްގޮތުން މަޖިލީހުގެ ދައުރު ފެށޭނެ މީލާދީ ތާރީހެއްވެސް ކަނޑައަޅާ ބަޔާންކޮށްފައިވޭ އަދި އެ ބިލުގެ އެއްވަނަ މައްދާއިން ގާނޫނުއަސާސީގެ 72 ވަނަ މައްދާގެ (ނ) އަށް ގެންނަ ބަދަލުގައި އޮތީ މަޖިލީހުގެ އިންތިހާބު ބާއްވަންވާނީ ރިޔާސީ އިންތިހާބާ އެކުގައި ކަމަށް،"

މި ބަދަލުތައް ބިލުން ގެނަސްފައިވީ ނަމަވެސް ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ރައީސް ނެރުއްވާފައިވާ ގަރާރާއި އީސީން އާއްމުކޮށްފައިވާ އިންތިހާބުގެ ސުވާލުގައި ބުނެފައިވަނީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމުގެ ވާހަކަ ކަމަށްވެސް ވިދާޅުވިއެވެ.

"މިހާރު ސުވާލު ފަރުމާކޮށްފައި އޮތްގޮތުން، އެ ބިލުން ގެންނަ ބަދަލުތައް ރައްޔިތުންނަށް ދައްކައިދެނީ ދެކަމެއް، ފުރަތަމަ ކަމަކަށް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބާއްވާކަން، ދެވަނަ ކަމަކަށް އެ ބިލުން ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫކު ބަޔާންކުރާކަން، މި ތަފްސީލްތައް ދިނުމަށްފަހު ކުރާ ސުވާލަކީ އެބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރަން ފެނޭ ހެއްޔޭ،"

ޝިޔާމް ވިދާޅުވީ، ވޯޓުގައި ސުވާލު ކުރަންވާނީ ބިލު ތަސްދީގު ކުރުމަށް ފެނޭތޯއެއް ނޫން ކަމަށެވެ. ސުވާލުގައި ހިމަނަންވާނީ، ގާނޫނު އަސާސީގެ 262 ވަނަ މާއްދާގައި ލިސްޓުކޮށްފައިވާ މާއްދާއަކަށް ގެންނަ ބަދަލު ގެނައުމަށް ރުހޭތޯ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން އެ ބިލުން ގާނޫނުއަސާސީގެ 79 ވަނަ މާއްދާގައި، މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ފަސް އަހަރަށްވުރެ ކުރު ކުރުމަށް ހިމަނާފައިވާތީ، މަޖިލީހުގެ އުމުރު ކުރުކުރަން ފެނޭތޯ އާއްމު ވޯޓުގައި އަހަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ޝިޔާމު ވިދާޅުވީ، މަޖިލިސް ދައުރު ކުރުވާކަން ރައްޔިތުންނަށް ވަންހަނާވާގޮތަށް މިހާރު ފަރުމާކޮށްފައިވާ ސުވާލާކީ ގާނޫނު އަސާސީގެ 262 ވަނަ މާއްދާގެ އިމުގެ ތެރެއިން ފަރުމާކޮށްފައިވާ ސުވާލެއް ނޫން ކަމަށެވެ.

ރައީސް ތަސްދީގުކުރަން ފެނޭތޯ ނަގާ ވޯޓުގައި ހިމެނޭ، ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ގާނޫނަކީ ރާއްޖޭގެ އިންތިހާބީ އޮނިގަނޑު ދާއިމަށް ބަދަލުކޮށްލާނެ އިސްލާހެއް ކަމަށާއި އެ ބަދަލުގެ ސަބަބުން، ރައްޖޭގައި އިންތިހާބުތައް ބާއްވާގޮތާއި ސިޔާސީ ޕާޓީތަކުގެ އިންތިޒާމްތަކަށް ބަދަލު އަންނާނެތީ، އެ ބަދަލުގެ އަސަރު ރައްދުވާނީ ދިވެހި ރައްޔިތުންނަށް ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލައިގައި އެ ފަރާތުން އެދޭގޮތަކީ ރައްޔިތުންގެ ހިޔާލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ގަރާރާއި އީސީން އާއްމުކޮށްފައިވާ، އާއްމު ވޯޓުގެ އިއުލާންގައިވާ ސުވާލަކީ ގާނޫނުއަސާސީގެ 262 (ށ)އިން ލާޒިމުކުރާ އުސޫލުތަކުގެ ތެރެއިން ފަރުމާކޮށްފައިވާ ސުވާލަކަށްނުވާތީ އެ ސުވާލުގެ މައްޗަށް ބިނާކޮށް އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމުވޯޓު ބާއްވައިގެންނުވާނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިދިނުން ކަމަށް ޝިޔާމު ވިދާޅުވިއެވެ.

މި މައްސަލައިގައި ޖަވާބުދާރީވުމަށް އިލެކްޝަންސް ކޮމިޝަނާއި، އެޓާނީ ޖެނެރަލްގެ އޮފީހަށް ފުރުސަތު ދެއްވުމަށްފަހު، ސުޕްރީމް ކޯޓިގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު އަބްދުލް ގަނީ މުހައްމަދު ވިދާޅުވީ، މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި، އިތުރަށް ކަމެއް އޮޅުންފިލުވަން ނެތްނަަމަ ދެން އޮންނާނީ މައްސަައިގެ ހުކުމް ކުރުން ކަމަށެވެ.

މި މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވީ އުއްތަމަ ފަނޑިޔާރުގެ އިތުރުން، ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމާއި ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.