މިއަދު އަވަހާރަވި ކުރީގެ ޑިޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަޑް) އަބްދުއްޝަކޫރު އަބްދުﷲ އަކީ، މުޅި ހަޔާތްޕުޅުގައިވެސް ގައުމު އިސްކުރެއްވި އިހުލާސްތެރިއެއް ކަމަށް ރައީސުކްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރާއި ދިވެހި ފުލުހުންގެ ހިދުމަތުގައި 43 އަހަރަށް ވުރެ ދިގު މުއްދަތެއްގައި މަސައްކަތް ކުރައްވައި، އެ ދެ މުއައްސަސާގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ، އަބްދުއްޝަކޫރު އަބްދުﷲ އަވަހާރަވުމާ ގުޅިގެން އެކްސް މެދުވެރިކޮށް ފޮނުއްވި ތައުޒިޔާގެ މެސެޖުގައެވެ.

"އަބްދުއްޝަކޫރު އަބްދުﷲ އަވަހާރަވި ހަބަރު އަޅުގަނޑު އަޑުއެހީ ފުން ހިތާމައާއެކު. އެއީ، ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާއިން ރާއްޖެ ދިފާއުކުރެއްވުމަށް ހިތްވަރާއެކު ޖިހާދުކުރެއްވި ދިވެހި ސިފައިންގެ ލަޝްކަރުގައި ހިމެނިވަޑައިގަތް، އަދި ރާއްޖޭގެ ޖަލުތަކުގެ ހާލަތާއި އިންތިޒާމުތައް ރަނގަޅު ކުރެއްވުމާއި މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރެއްވުމުގެ މަސައްކަތުގައިވެސް އިސް ދައުރެއް އަދާކުރެއްވި ތަޖުރިބާކާރު ހަރުދަނާ ދިވެހި ދަރިއެއް. މުޅި ހަޔާތްޕުޅުގައިވެސް ގައުމު އިސްކުރެއްވި އިހުލާސްތެރިއެއް،"

ހިތާމައިގެ މި ވަގުތު، އަބްދުއްޝަކޫރު އަބްދުﷲގެ އާއިލާއަށާއި ދިވެހި ސިފައިންނަށާއި ފުލުހުންނަށް ތައުޒިޔާ ދަންނަވާ ކަމަށާއި، އަދި މާތްﷲގެ ތަނަވަސް ރަހްމަތުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރްހޫމް އަބްދުއްޝަކޫރު އަބްދުﷲ ލެހެއްޓެވުން އެދި ދުއާ ކުރައްވާފައިވެސް ވެއެވެ.