ފެނަކަ ކޯޕަރޭޝަން ހާލުކޮށްލީ މިދިޔަ ސަރުކާރުން، ރިޔާސީ އިންތިޚާބާ ދިމާކޮށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސްވަނީ މިދިޔަ ސަރުކާރުން ފެނަކަ ހަލާކުކޮށްލިއިރު މަސްވެރިކަންވެސް ހަލާކުކޮށްލި ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
އެގޮތުން ދޯނިތަކުގައި މަހަށް ދިޔަ މަސްވެރިންނަށް ފެނަކައިން ވަޒީފާ ދިނުމުން މަހަށްދާނެ ބަޔަކު ނެތް ހިސާބަށް ދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ.
"ފެނަކައިގެ އޮޑިޓް ރިޕޯޓުތައް އެހެރީ، އޭގައި އެއޮތީ ކުރި ހުރިހާ ކަމެއް ފެންނަން، އެހުރިހާ ކަމެއްކޮށްފަ އެކަމަކު އަޅުގަނޑު ނިންމީ އެއިން އެއްވެސް މީހަކު ގެއަށް ނުފޮނުވާނަމޭ، ހަމަ ހުރިހާ އެންމެންވެސް ފޮނުވާލެވުނީސް އެކަމަކު އެންމެން ވަޒީފާގައި ބޭތިއްބީ އެއީ އޭރު ވައުދުވީ އެއްވެސް މީހަކު ވަޒީފާއިން ކަނޑާނުލާނަމޭ މަތީ ފަޑީގައި މެނޭޖާ ލެވަލްގައި ތިބި މީހުނޭ އޮންނަ އުސޫލުން ގެއަށް ދާނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ވަޒީފާއިން ވަކިކޮށްފައި ވާނީ މަސައްކަތަށް ފަރުވާކުޑަވެގެން ކޮންމެހެން ވަކިކުރަން ޖެހިފައިވާ މީހުން ކަމަށެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ފެނަކައަށާއި ސަރުކާރު އެހެން ކުންފުނިތަކަށް ގިނަ އަދަދަކަށް މުވައްޒަފުން ނަަގަމުންދާކަމަށް ތުހުމަތުކޮށް ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ އިންތިހާބުތަކާ ދިމާކޮށް އެފަދަ ކަންތައް މި ސަރުކާރުން ނުކުރާނެ ކަމަށެވެ.
މިހާރު ނަގަމުންދާ މުވައްޒަފުންނަކީ ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުތަކަށް ބޭނުންވާ މުވައްޒަފުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިންތިހާބުތަކާ ދިމާކޮށް ވަޒީފާ ދިނުމަކީ އެމްޑީޕީން ކުރިކަމެއް ކަމަށެވެ. މިސާލެއްގެ ގޮތުން ކޮމަންޑޫ ދާއިރާގެ މަޖިލިސް މެންބަރުގެ ގޮނޑި ހުސްވުމުން އެ ގޮނޑި ކާމިޔާބުކުރުމަށް އެތައް ބަޔަކަށް އެރަށު ފެނަކައިން ވަޒީފާދިންކަން ރައީސް ފާހަގަކުރެއްވި އެވެ.
"ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ، ހުސްވެގެން ބަޖެޓުން ބޭރުންވެސް 300 އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްލި. އަޅުގަނޑު އޭރު އިދިކޮޅު ޕާޓީއެއްގައި ހުރީ، އަޅުގަނޑުމެންވެސް ދިޔައިން ކެމްޕޭނަށް މެންބަރަކު ހޮވަން، ފެނަކައިގެ މަގާމުތަކަށް ކޮމަންޑޫން އެކަނި އެމްޑީ ގޮސް ގޭގެއަށް ވަދެ ޓީމްތައް ގޮސް ވަދެ މިވެނި މީހެއް މިވެނި މީހަކަށް ވަޒީފާދިނީ،" ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު