އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ހަރަދުކުޑަކުރާން އަޅާނީ ނަތީޖާ ނެރެވޭނެ ފިޔަވަޅުތައް އެކަނި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސް ކޮންފަރެންސެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ރިޒާވް ރަނގަޅުކަމަށާއި، ރާއްޖެއަށް އާމްދަނީ ލިބޭ ގޮތްތަކާއި އާމްދަނީއަށް އަންނަމުންދާ ބަދަލުތަކާއި އެއަށް ކޮމްޕެންސޭޓް ކުރެވޭނެ ގޮތްތައް ބަލައި ހިސާބުޖަހަމުން އަންނަ ކަމަށެވެ.
"ކޮސްމެޓިކް ޗޭންޖް އެއީ މެޓާވާ އެއްޗެއް ނޫން، ކޮސްމެޓިކް ޗޭންޖެކޭ މިދަންނަވަނީ ކުޑަކުޑަކަމެއް ކޮށްލައިގެން އެއަކުން ބޮޑު ބަދަލެއް، އެހެނެއްނޫން އެ ގެންނަ ބަދަލެއްގެ ސަބަބުން އިމްޕެކްޓްފުލް ބަދަލެއް މީނިންގްފުލް ސޭވިންއެއް އަންނަން ޖެހޭނެ، އެހެންވީމަ އެގޮތަށް އަޅުގަނޑުމެން ކުރިއަށް ގެންދާނީ،" ރައީސް ވިދާޅުވި އެވެ.
މިސާލެއްގެ ގޮތުން ސަރުކާރު އޮފީސްތައް ހުޅުވާ ދުވަސްތައް މަދުކޮށް، ވަގުތު މަދުކޮށްފިނަމަ އެއިން ސަލާމަތްކުރެވޭނީ ކިހާވަރެއްތޯ ފަދަ ކަންކަން ބެލުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ކުރަމުން އަންނަކަން ރައީސް ފާހަގަކުރެއްވި އެވެ.
"އެއަށްވުރެ ބޮޑަށް އަޅުގަނޑުމެން ބޭނުންވަނީ އެކަހަލަ ކުދިކުދި ޗޭންޖެސްއަށްވުރެ ބޮޑަށް ކުރާކަމެއްގެ ސަބަބުން އެންމެބޮޑު އިމްޕެކްޓްފުލް ސޭވިންއަކަށޭ ބަލާނީ، ހަރަދު ކުޑަކުރުމަކީ އަޅުގަނޑުމެންގެ ސިޔާސަތު،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ސިޔާސަތުގެ ދަށުން މިހާރުވެސް ބޭރު ގައުމުތަކަށް ކުރާ ދަތުރުތައް މަދުކޮށް ހަރަދުކުޑަކޮށްފައިވާ ކަމަށެވެ. އަދި ބައެއް މަގާމުތަކުގެ މުސާރަ ކުޑަކުރިގޮތަށް ބަދަލެއް ގެނެސްފައި ނުވާކަންވެސް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުގެ މުސާރަވެސް %50 ކުޑަކޮށް އަދިވެސް މިނަގަނީ،" ރައީސް ވިދާޅުވި އެވެ.
ހަރަދު ކުޑަކުރުމަށްޓަކައި ކުރާން ޖެހޭ ކޮންމެ ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސްވަނީ ދެއްވައިފަ އެވެ. އަދި އެއިން ރައްޔިތުންނަށް ކުރާނެ އަސަރު ވީހާވެސް ކުޑަކުރަން ބޭނުންފުޅުވާކަމަށް ވިދާޅުވި އެވެ.
"އެހެންވީމަ ރައްޔިތުން އޭގެ ބާޑަންއެއް ނަގާން ނުޖެހޭނެ ގޮތަަކަށް ސަރުކާރުގެ ހިންގުމުގެ ނިޒާމުގެ ތެރެއިން ގެނެވޭނެ ބަދަލެއް ގެންނާނީ އެކަމަކު ގެނެވޭ ބަދަލަކީ މީނިންގްފުލް ބަދަލަކަށް ވާން ޖެހޭނެ، ހަމަ ނަމެއްގައި ކުރާކަމަކަށް ވާކަށް ބޭނުމެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު