ބޭރުގެ އެހީގައި ހިންގަމުން އަންނަ އަދި ހަމަޖެހިފައި ހުރި މަޝްރޫއުތަކަށް އަސަރެއް ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ބޭރުގެ ފަންޑެއްގެ ދަށުން ހިންގާ މަޝްރޫއުތައް ހިންގަނީ ކުރީބައިގައި އެކަމަށް ބޭނުންވާ ފަންޑު ހަމަޖައްސައިގެން އޭގެތެރެއިން އޮންނަ އުސޫލަކުން ކަމަށެވެ.

"އެއްވެސް ފަންޑެއް މެދުކަނޑާލަން ޖެހޭ ހާލަތެއް އަންނަނަމަ އެ ފަރާތަކުން ރާއްޖެއާ މަޝްވަރާކުރާނެ ކޮށްފަ އެކަމެއް ނިންމާނީ، އެކަމަކު އާންމު އުސޫލުން، އާންމު އުސޫލުން ނޫން ނަމަވެސް އެއްވެސް އިރަކު ކަންކުރާގޮތެއް ނޫން ބޭރުގެ ފަންޑެއްގެ ފައިނޭންސް ސެކިޔާ ކުރުމަށްފަހު ފަންޑު ޑިސްޕާސްކުރަން ފެށުމަށްފަހު ދެން ހިފެހެއްޓުން، އެހެނެއް ނޫން މި ފަންޑު އަދި ޑިސްޕާސް ނުކޮށް އޮތީ، މުޅިން އާ މަރުހަލާއެއް ސޮއިކުރުމުގެ މަރުހަލާގައި އޮތްނަމަ މަޝްރޫއެއް މަޑުޖެހިދާނެ،"

ރައީސް ވިދާޅުވީ ބޭރުގެ ފަރާތްތަކާ ގުޅިގެން އާ މަޝްރޫއެއް ފެށުމުގެ މަސައްކަތް މިދުވަސްވަރު ކުރަމުން ނުދާ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި މިހާރު ހިންގަމުން އަންނަ ބައެއް މަޝްރޫއުތައް ހިލޭ އެހީގެ ދަށުން ހިންގާއިރު އަނެއް މަޝްރޫއުތައް ހިންގަނީ ލޯނުގެ ގޮތުގައި ކަމަށެވެ.

އެކަންކަމަކީ ވަކި އުސޫލެއްގެ ދަށުން ތަރުތީބުކުރެވިގެން ހިންގާ ފައިނޭންސްތަކެއް ކަމަށެވެ. އަދި ކޮންޓްރެކްޓާ ފައިނޭންސްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކަށްވެސް މަޑުޖެހުމެއް ނާންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަލަށް ފަށަން ނިންމާފައިހުރި މަޝްރޫއުތަކުގެ ތެރެއިން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ސިއްހީ ދާއިރާގެ މަޝްރޫއުތަކަށް އިސްކަންދޭނެ ކަމަށެވެ. ނަމަވެސް އެހެން މަޝްރޫއުތައްވެސް ހުއްޓާލަން ނިންމާފައި ނުވާ ކަމަށެވެ.