މަރުގެ އަދަބު ތަންފީޒުކުރުމަށް ހާއްސަ ގާނޫނެއް ހެދުމުގެ މަސައްކަތްއ ފަށާފައިވާ ކަމަށާއި އެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްވުމާއެކު މަރުގެ ހުކުމް ތަންފީޒުކުރަން ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ރާއްޖެވާއިރު، މަރުގެ ހުކުމް ތަންފީޒު ކުރާން ޖެހޭ ފަރާތްތަކަށް އެ އަދަބު ނުދީ ހުރުމަކީ ދައުލަތަށް އިހުތިޔާރީ ކަމެއް ނޫން ކަމަށެވެ.

ނަމަވެސް ހަމައެކަނި ހެދޭ ގަވާއިދަކުން ނުވަތަ އުސޫލަކުން މަރުގެ އަދަބުދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމަށް ބޭނުންވާ ބިލުގެ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި ބިލުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިހިނގާ ދައުރުގެ ތެރޭގައި އެ ބިލު މަޖިލީހުގެ ތަޅުމަށް ފޮނުވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އެ ބިލު މަޖިލީހުން ފާސްވެގެން އައުމުން އެ ބިލު ތަސްދީގުކުރެވުނީމަ ޝަރުއީ ހުރިހާ މަރުހަލާއެއް ފުރިހަމަވެފައިވާ އަދި ފުރިހަމަވާ ހުރިހާ ފަރާތްތަކެއް، މަރުގެ ހުކުމް ތަންފީޒުކުރުން ފުރިހަމަވެފައިވާ ހުރިހާ ފަރާތްތަކެއްގެ މަރުގެ އަދަބު ތަންފީޒު އިރާދަކުރެއްވިއްޔާ މި ސަރުކާރުން ކުރާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަރުގެ މައްސަލަތަކުގައި އަދި ޑްރަގް ޓްރެފިކިންގެ މައްސަލަތަކާއި ގުޅިގެން މަރުގެ ހުކުމް އިއްވާފައިވާ އެތައް ބަޔަކު ރާއްޖޭގައި ހުކުމް ތަންފީޒު ނުކޮށް އެބަތިބި ކަމަށެވެ.