މަރުގެ އަދަބު ތަންފީޒުކުރުމަށް ހާއްސަ ގާނޫނެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ގާނޫނު ހެދުމަށް ބޭނުންވާ ބިލުގެ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން މިހާރު ކުރަމުން އަންނަ ކަމަށެވެ.
ރައީސް ވިދާޅުވީ މަރުގެ މައްސަލަތަކުގައި ހުރިހާ އިޖުރާއަތްތަކާއި ޝަރީއަތްތައް ނިމިފައި ތިބި އެތައް ބަޔަކު ރާއްޖޭގައި އެބަތިބި ކަމަށެވެ. ނަމަވެސް މިހާތަނަށް އައިއިރު އެމީހުންނަށް މަރުގެ އަދަބު ތަންފީޒުކޮށްފައިނުވާ ކަމަށެވެ.
"މަރުގެ އަދަބު ދިނުމަށްޓަކައި، މަރުގެ ހުކުމް ތަންފީޒުކުރުމަށް، މަރުގެ އަދަބު ދިނުން މަރުގެ ހުކުމް ތަންފީޒުކުރުން އެބަ ޖެހޭ ގާނޫނީ ފްރޭމްވޯކެއްގެ ތެރެއިން ކަށަވަރުކުރަން، މިއަދާ ހަމައަށް އައިއިރުގައި މިކަމަށް އެއްވެސް ކަހަލަ ގާނޫނެއް ނެތް. ސަރުކާރުން ގަބޫލުކުރާގޮތުގައި ހަމައެކަނި ހަދާލެވޭ އުސޫލަކުން މިކަން ކުރެވިގެން ނުވާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެކަމަށް ބޭނުންވާ ބިލުގެ މަސައްކަތް ގާތްގަނޑަކަށް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މިހިނގާ ދައުރުގެ ތެރޭގައި އެ ބިލު ފޮނުވާނެ ކަމަށެވެ.
"އެ ބިލު މަޖިލީހުން ފާސްވެގެން އައުމުން އެ ބިލު ތަސްދީގުކުރެވުނީމަ ޝަރުއީ ހުރިހާ މަރުހަލާއެއް ފުރިހަމަވެފައިވާ އަދި ފުރިހަމަވާ ހުރިހާ ފަރާތްތަކެއް މަރުގެ އަދަބު ތަންފީޒު އިރާދަކުރެއްވިއްޔާ މި ސަރުކާރުން ކުރާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަރުގެ ހުކުމް ތަންފީޒުކުރަން ފެށުމަކީ މުސްލިމް ގައުމެއްގެ ހައިސިއްޔަތުން ރާއްޖޭގައި އަދުލު އިންސާފު ގާއިމްކުރުމަށް ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އެކަމަކީ ދައުލަތުން ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު