ލިބިފައިވާ ބިން ސަރުކާރުގެ ބަދަލުގައި އާއިލާއަށް ދެވޭގޮތަށް، މިހާރު ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ސްކީމުގެ އުސޫލަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބޯހިޔާވަހިކަމުގެ ޕޯޓަލް މެދުވެރިކޮށް ފޯމު ފުރަމުންދާއިރު އޭގައި "ތަރިކަ ނުވަތަ ވަސިއްޔަތުން ނުވަތަ ހިބައިން ނުވަތަ މި ނޫންގޮތަކުން، 400 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ބިމުން ބައެއް ނުވަތަ ފްލެޓެއް ނުވަތަ ރޯ ހައުސްއެއް ލިބެން އޮތް ނުވަތަ އެފަދަ ތަނެއް ދޫކޮށްލުމަށް އެއްބަސްވެފައިވާ ފަރާތެއްތޯ" އޮވެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް ވިދާޅުވީ، މިހާރު އުސޫލުގައި އޮތް ގޮތް ބަދަލުކޮށް، އަނބިމީހާ/ ފިރިމީހާ ނުވަތަ ދަރިން ނުވަތަ އެއްބަނޑެއްބަފާ މީހުންގެ ތެރެއިން ބޭނުން މީހަކަށް ބިން ދޫކޮށްލެވޭ ގޮތަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، އެކަން މާދަމާ ގެޒެޓުކުރައްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓު ލިބުނު މީހުންނާ މެދު ވެސް އަމަލުކުރާނީ އެ ގޮތަށް ކަމަށެވެ.
"ސަރުކާރަށް ދޫކޮށްލާކަށް ނުޖެހޭނެ. އެހެންވީމަ ސްޕައުސް، ދަރިން އަދި އެއްބަނޑުއެއްބަފާ ފަރާތްތައް. އެހެންވީމާ މީގެ ތެރެއިން ކޮންމެވެސް އެއް ފަރާތަކަށް އެ މީހާ ދައުލަތަށް ބިންކޮޅު ދޫކޮށްލުމުގެ ބަދަލުގައި އެގޮތަށް ދޫކޮށްލެވޭ ގޮތަށް މި ބަދަލުކުރަނީ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ ބަދަލު ގެންނަން ނިންމެވީ، ބިންތަކުގައި އާންމު ރައްޔިތުން ވަރަށް ބޮޑު ހަރަދުކޮށްގެން އިމާރާތްކޮށްފައިވުމާއެކު އެތަންތަން ދައުލަތަށް ނެގުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ނުވާތީ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ހަމައެކަނި ސަރުކާރަށް ދޫކުރަން ޖެހޭނީ މިހާރު ސަރުކާރުން ދޫކޮށްފައިވާ ސޯޝަލް ހައުސިން ސްކީމުން ދޫކޮށްފައިވާ ފްލެޓެއް ދޫކޮށްލާ ހާލަތުގައި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު