ކުރިއަށްއޮތް ތަނުގައި ތެލުގެ އަގު ބޮޑުކުރުމުގެ ވިސްނުމެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކާއި އެހެން ކަންކަން ހައްލުކުރުމަށާއި، ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

"ތެލަށް ބަލާލާއިރުގައި އަޅުގަނޑުމެންގެ އަތުގައި ސްޓޮކް ހުރޭ، އެންމެފަހުން އެސްޓީއޯގެ ދެ ވެސަލް، އަލިމަސްއާއި ނިއޯންއާ މިހާރު ވަދެ ޑިސްޗާޖްކޮށް އެ ނިމުނީ، އެއާ އެއްކޮށް އޭޕްރީލް ފެށޭއިރު ދޭއް ތިނެއް ހިސާބުގައި އަންނާނެ ސިންގަޕޫރުން ބަރުކޮށްގެން އަންނަ ވެސަލްއެއް އޭގަވެސް ޑީސަލާ ޕެޓްރޯލާ ހުންނާނެ އެއާ އެއްކޮށް ހަތަރެއް ނޫނީ ފަހެއް، ހިސާބުގައި އޮމާންގެ ސޮހާރުން އަނެއްކާވެސް ބަރުކޮށްގެން އަންނަ އަޅުގަނޑުމެންގެ ސްޕޮޓުން ހަޔާކޮށްފަ އޮންނަ ވެސަލްއެއް އެބަ އާދޭ އެހެންވީމަ ދުވަހުންދުވަަހަށް ބޭނުންވާނެ ތެޔޮ އެބަހުރި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ތެލުގެ ވިޔަފާރިއަކީ އެސްޓީއޯގެ އިތުރުން އަމިއްލަ ވިޔަފާރިވެރިންވެސް ކުރާ ވިޔަފާރިއެއް ކަމަށެވެ. އެހެންކަމުން އެކަމަށް އަޅާ ފިޔަވަޅެއްގެ ސަބަބުން އެ ވިޔަފާރިތަކަށްވެސް ގެއްލުމެއްވިޔަ ނުދީ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވަމުންދާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގައި ތެލުގެ އަގަށް ބަދަލު ގެނައުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި ބައެއް ސިނާއަތްތަކަށް ހާއްސަކޮށްގެން ތެލުގެ އަގު ބޮޑުކޮށްފައިނުވާނެ ކަމަށާއި ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެކަށިގެންވާ ހެޔޮ އަގެއްގައި ތެޔޮ ފޯރުކޮށްދިނުމަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.