ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މަސައްކަތް ކުރަމުންދަނީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަންކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ބީއެމްއެލްއިން ހުޅުމާލޭގައި ތަރައްގީކުރާ 1,224 އެފޯޑަބަލް ހައުސިން ޔުނިޓްގެ ބިންގާ އެޅުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ ހައުސިން މަޝްރޫއުތަކަށް ނުވަތަ ރިއަލް އެސްޓޭޓުގެ ތެރެއަށް ވަންނަން ނިންމީ، ބީއެމްއެލްގެ މަންފާ އިތުރުކުރުމުގެ ބޭނުމުގައި ނޫން ކަމަށެވެ. ބީއެމްއެލްގެ އަމާޒަކީ ރާއްޖޭގެ ތަރައްގީއަށާއި، ރައްޔިތުންގެ ކުރިއެރުމަށް ސަރުކާރުން ކުރާ ކަންކަމުގައި ބައިވެރިވުން ކަމަށް ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ މިރޭ ބިންގާ އެޅިގެން ދިޔަ ލީސް ޓު އޯން މޮޑެލްއަށް ގެންދާ މަޝްރޫއައަކީ ބީއެމްއެލް މެދުވެރިކޮށް އެ މޮޑެލްއަށް ގެންދާ ފުރަތަމަ މަޝްރޫއު ކަމަށެވެ. އެއީ އެއްފަހަރާ ބޮޑު އަދަދަކުން ފައިސާ ދައްކަން ނުޖެހި، އާއިލާތަކަށް ފަސޭހައިން އަދާކުރެވޭ ހެޔޮ އަގެއްގައި މަހުން މަހަށް ފައިސާ ދައްކަން ޖެހޭގޮތަށް ހަދާ ހައުސިން ޔުނިޓުތަކެއް ކަމަށް ޝަރީފު ވިދާޅުވިއެވެ.
ބީއެމްއެލްއިން މާލޭ ސަރަހައްދުގައި ޖުމުލަ 3،000 ހައުސިން ޔުނިޓު ހެދުމަށްވަނީ ހަމަޖެހިފައެވެ. 3،000 ހައުސިން ޔުނިޓް ހެދުމަށް ބޭނުންވާ ބިން، ހައުސިން މިނިސްޓްރީން ވަނީ ބީއެމްއެލްގެ ސަބްސިޑަރީ ކުންފުންޏާ ހަވާލުކޮށްފައެވެ.
ގެދޮރު މިލްކުކުރުމުގެ ފުރުސަތު އިތުރުކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ކޮމާޝަލް ބޭންކުތަކުން އެ ބޭންކުތަކުން ދޫކުރާ ލޯނުގެ 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ އަދަދެއް އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމްއަށް މިހާރު ދޭން ޖެހެއެވެ.
ބީއެމްއެލުން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހުއްދައާއެކު، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ޕްރައިވެޓް ލިމިޓެޑް"ގެ ނަމުގައި ސަބްސިޑަރީ ކުންފުންޏެއް އުފައްދައި ރަޖިސްޓްރީކޮށްފައެވެ. ސަރުކާރުން ބިންތައް ހަވާލުކުރީ އެ ކުންފުންޏާއެވެ. އެ ބިންތައް ހަވާލުކޮށްފައިވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުގައެވެ.
ބިންތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވެފައިވަނީ ރާއްޖޭގެ އެންމެ ބޮޑު ބޭންކަކީ ލޯން މާކެޓްގެ 52 ޕަސަންޓު ހިއްސާކުރާ ބޭންކެއް ކަމަށްވާތީ، އެ މަޝްރޫއު ބީއެމްއެލަށް ލިބުމުން އެ ކުންފުންޏަށް ލިބޭ ޝަރަފާއި ޒިންމާ އިހުސާސް ކުރެވޭ ކަމެއް ކަމަށެވެ.
"މި ހައުސިން ޔުނިޓްތައް ބިނާ ކުރާނީ ބޭންކުން ފަންޑުކޮށް، ގާބިލު އަދި ތަޖުރިބާކާރު ޑިވެލޮޕަރުންގެ އެހީގައި، ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ މީހުންނަށް ލީސް ޓު އޯން މޮޑެލްއެއް ބޭނުންކޮށްގެން. މި މަޝްރޫއު ކުރިއަށްގެންދާނީ ރައްޔިތުންނަށް ގެދޮރު މިލްކުކުރެވޭ ބަޔަކަށް ހެދުމަށް. ކޮންމެ މަހަކު ފައިސާ ދައްކައިގެން އެ ޕްރޮޕަޓީ ކުއްޔަށް ހިފޭނެ. އެ ފައިސާ ދެއްކުމުން އޯނާޝިޕް އެ މީހުންނަށް ބަދަލު ކުރެވޭނެ،" ޝަރީފް ވިދާޅުވެފައިވެއެވެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ޕްރައިވެޓް ލިމިޓެޑާ ސަރުކާރުން ހަވާލުކުރީ ވިލިމާލޭގެ ބިމަކާއި ހުޅުމާލޭ ފޭސް އެކެއް އަދި ފޭސް ތިނެއްގެ ބިމެކެވެ.
ހުޅުމާލޭ ފޭސް އެކެއް އަދި ފޭސް ތިނެއްގައި 2،700 ހައުސިން ޔުނިޓު އަދި ވިލިމާލޭގައި 3،000 ހައުސިން ޔުނިޓު ހެދުމުގެ މަސައްކަތް ބީއެމްއެލުން ކުރިއަށްގެންދާނެއެވެ.
މުހައްމަދު އިޝާން
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް