ހުޅުމާލޭގައި ބީއެމްއެލްއިން އިމާރާތްކުރާ 1،224 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފިއެވެ.
އެކަމަށްޓަކައި ހުޅުމާލެ ފޭސް ތިނެއްގައި މިރޭ ބޭއްްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
މިރޭގެ ރަސްމިއްޔާތުގައި ބިންގާ އަޅައިފައިވަނީ ބީއެމްއެލްގެ ސަބްސިޑިއަރީ ކުންފުނި ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން ހުޅުމާލޭގައި އިމާރާތް ކުރާ އަގުހެޔޮ ފްލެޓުތަކުގެ ތެރެއިން، ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އިން އިމާރަތް ކުރާ 1،224 ހައުސިން ޔުނިޓުގެ މަސައްކަތުގެ ބިންގާއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ ސީއެމްއީސީއަކީ އެފަދަ ހައުސިން މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ތަޖުރިބާހުރި ކުންފުންޏެއް ކަމަށެވެ. އޭނާ ވިދާޅުވީ ހައުސިން މަޝްރޫއުގެ މަސައްކަތް، ސީއެމްއީސީން، ވަގުތަށް ނިންމާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ޝަރީފު ވިދާޅުވީ ހައުސިން ޔުނިޓުގެ މަސައްކަތް ސީއެމްއީސީއާ ހަވާލުކޮށްފައިވަނީ 2028 ވަނަ އަހަރުގެ މެދު ތެރޭގައި ނިންމަން ޖެހޭ ގޮތަށް ކަމަށެވެ.
ނެޝަނަލް ހައުސިން އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫއު މިދިޔަ އަހަރުގެ އޮކްޓޫބަރުގައި އިފްތިތާހުކޮށްފައިވާއިރު އެ މަޝްރޫއުގެ ދަށުން އެހާ އަވަސް ސްޕީޑެއްގައި މަސައްކަތްތައް ފެށިފައިވަނީ ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުންކަމަށް ޝަރީފު ވިދާޅުވިއެވެ.
ބީއެމްއެލްއިން މާލޭ ސަރަހައްދުގައި ޖުމްލަ 3،260 ހައުސިން ޔުނިޓު ހެދުމަށްވަނީ ހަމަޖެހިފައެވެ. 3،260 ހައުސިން ޔުނިޓް ހެދުމަށް ބޭނުންވާ ބިން، ހައުސިން މިނިސްޓްރީންވަނީ ބީއެމްއެލްގެ ސަބްސިޑަރީ ކުންފުންޏާ ހަވާލުކޮށްފައެވެ.
ގެދޮރު މިލްކުކުރުމުގެ ފުރުސަތު އިތުރުކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ކޮމާޝަލް ބޭންކުތަކުން އެ ބޭންކުތަކުން ދޫކުރާ ލޯނުގެ 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ އަދަދެއް އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމްއަށް މިހާރު ދޭން ޖެހެއެވެ.
ބީއެމްއެލުން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހުއްދައާއެކު، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ޕްރައިވެޓް ލިމިޓެޑް"ގެ ނަމުގައި ސަބްސިޑަރީ ކުންފުންޏެއް އުފައްދައި ރަޖިސްޓްރީކޮށްފައެވެ. ސަރުކާރުން ބިންތައް ހަވާލުކުރީ އެ ކުންފުންޏާއެވެ. އެ ބިންތައް ހަވާލުކޮށްފައިވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 13 ވަނަ ދުވަހުގައެވެ.
ބިންތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވެފައިވަނީ ރާއްޖޭގެ އެންމެ ބޮޑު ބޭންކަކީ ލޯން މާކެޓްގެ 52 ޕަސަންޓު ހިއްސާކުރާ ބޭންކެއް ކަމަށްވާތީ، އެ މަޝްރޫއު ބީއެމްއެލަށް ލިބުމުން އެ ކުންފުންޏަށް ލިބޭ ޝަރަފާއި ޒިންމާ އިހުސާސް ކުރެވޭ ކަމެއް ކަމަށެވެ.
"މި ހައުސިން ޔުނިޓްތައް ބިނާ ކުރާނީ ބޭންކުން ފަންޑުކޮށް، ގާބިލު އަދި ތަޖުރިބާކާރު ޑިވެލޮޕަރުންގެ އެހީގައި، ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ މީހުންނަށް ލީސް ޓު އޯން މޮޑެލްއެއް ބޭނުންކޮށްގެން. މި މަޝްރޫއު ކުރިއަށްގެންދާނީ ރައްޔިތުންނަށް ގެދޮރު މިލްކުކުރެވޭ ބަޔަކަށް ހެދުމަށް. ކޮންމެ މަހަކު ފައިސާ ދައްކައިގެން އެ ޕްރޮޕަޓީ ކުއްޔަށް ހިފޭނެ. އެ ފައިސާ ދެއްކުމުން އޯނާޝިޕް އެ މީހުންނަށް ބަދަލު ކުރެވޭނެ،" ޝަރީފް ވިދާޅުވެފައިވެއެވެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ޕްރައިވެޓް ލިމިޓެޑާ ސަރުކާރުން ހަވާލުކުރީ ވިލިމާލޭގެ ބިމަކާއި ހުޅުމާލޭ ފޭސް އެކެއް އަދި ފޭސް ތިނެއްގެ ބިމެކެވެ.
ހުޅުމާލޭ ފޭސް އެކެއް އަދި ފޭސް ތިނެއްގައި 2،960 ހައުސިން ޔުނިޓު އަދި ވިލިމާލޭގައި 300 ހައުސިން ޔުނިޓު ހެދުމުގެ މަސައްކަތް ބީއެމްއެލުން ކުރިއަށްގެންދާނެއެވެ.
މުހައްމަދު އިޝާން
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް