އެންމެންނަށް ފުރުސަތު އޮތް، އޯގާތެރި، ޝާމިލު މުޖުތަމައެއް ބިނާކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގެ އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ރައީސް ވިދާޅުވީ، ދިވެހި މުޖުތަމައުގައި، ޑައުން ސިންޑްރޯމްގެ އެކި ހާލަތު ތަހައްމަލު ކުރަމުންދާ ކޮންމެ ކުއްޖަކާއި މީހަކަށް ހެޔޮކޮށް ހިތުމަކީ މުސްލިމަކަށްވީތީ އަދި އިންސާނަކަށްވީތީ އުފުލަންޖެހޭ މަސްއޫލިއްޔަތެއް ކަމަށެވެ.
ކީރިތި ގުރުއާނާއި މާތް ނަބިއްޔާގެ ސުންނަތުން ފެންނާން ހުރި އިރުޝާދުތަކާއި އިބްރަތްތެރި ހާދިސާތަކުގައި، މުޖުތަމައުގެ ހާއްސަ އެހީތެރިކަމަކަށް ބޭނުންވެފައިވާ ކޮންމެ މީހަކާ މެދު އޯގާތެރިކަން އިސްކޮށް، އިހުސާންތެރިކަމާއެކު ކަންކަން ކޮށްދިނުމުގެ މުހިންމުކަން ހާމަވާ ކަމަށާއި އެކަމަށް އޮތް ބޮޑު ދަރުމައާއި އަޖުރު ބަޔާންވެގެންވާކަމުގައި ވެސް ވިދާޅުވިއެވެ.
އަދި މުސްލިމަކަށްވީތީ އަޅުގަނޑުމެންނަށް ކުރެވޭނެ އެންމެ ބޮޑު އެއް ހެޔޮކަމަކީ އަދި ދޫކުރެވޭނެ ދެމިހުންނަނިވި އެއް ސަދަގާތަކީ މުހުތާދުތަކުގައި ޖެހިފައިވާ ކޮންމެ އަހަކާއި އުހުތަކަށްމެ އަޅައިލުންކަން މި މެސެޖުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަހަރު ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހުގެ ޝިއާރުން ލިބިދޭ މެސެޖަކީވެސް، އެފަދަ އެއްވެސް ފަރާތެއް މުޖުތަމައުން ބާކީވެ އެކަހެރިވިޔަ ނުދިނުން ކަމުގައި ވެސް ވިދާޅުވިއެވެ. މި ސަރުކާރުން އިސްނަގައިގެން މިދިޔަ 28 މަސްދުވަހުގެ ތެރޭގައި އެ އަމާޒަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި އަދި ކުރިއަށްއޮތް ތަނުގައިވެސް، އެންމެންނަށް ފުރުސަތު އޮތް، އޯގާތެރި، ޝާމިލު މުޖުތަމައެއް ބިނާކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަށް ވާނެކަމުގެ ޔަގީންކަން ވެސް އެ މެސެޖުގައި ރައީސް ދެއްވިއެވެ.
އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު