މާލޭ ސިޓީ ކައުންސިލުން ބަލައްހައްޓަމުންގެންދާ ސިނަމާލެ، މާލެހިޔާ 1 އަދި 2 ގެ ފްލެޓްތައް އަހަރު ދުވަހަށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
ސިނަމާލެއާއި މާލެހިޔާ ފްލެޓްތައް ތަޅާލައި، އެ ބިމުގައި ބޯހިޔާވަހިކަމުގެ އާ މަޝްރޫއެއް ހިންގުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ މަޝްރޫއުގެ ދަށުން މިހާރު އެތަނުގައި ތިބި މީހުންނަށް އާ އިމާރާތުން ހިލޭ ފްލެޓް ދިނުމަށް ވަނީ ނިންމައިފައެވެ. މިއީ އެމަނިކުފާނު މޭޔަރު ކަމުގައި ހުންނެވިއިރުވެސް ކައުންސިލުން ފާސްކޮށްފައިވާ ތަސައްވުރެކެވެ.
ރައީސް މުއިއްޒު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ގޮލޮޅު ރައްޔިތުންނާއެކު ބޭއްްވި ބައްދަލުވުމުގައި އެތަނުގައި ދިރިއުޅޭ ރައްޔިތުން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން، ރައީސް ވަނީ ޖޫރިމަނާތައް މާފުކޮށްދެއްވައި އެ ފަރާތްތަކަށް އެއް ލައްކަ ރުފިޔާގެ އިނާޔަތެއް ދޭން ވަނީ ނިންމާފަ އެވެ.
އެ ފްލެޓްތަކަށް ފައިސާ ދެއްކޭގޮތް ނުވުމުގެ ސަބަބުން މިހާތަނަށް އަރާފައިވާ ޖޫރިމަނާ އެއްކޮށް މައާފުކޮށްދެއްވުމަށާއި ފްލެޓްތައް ބާވެ، ސްޓްރަކްޗާ ހަލާކުވެފައިވާތީ އާއި އެކަމަށް ހައްލެއް ހޯއްދަވައި ނުދެވި ގިނަ ދުވަސްވެފައިވާތީ، މި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިނާޔަތެއްގެ ގޮތުގައި 100،000 ރުފިޔާ ދެއްވުމަށް ރައީސް ވަނީ ނިންމަވައިފައެވެ.
މި އިނާޔަތް ދިނުމުގައި ފްލެޓުގެ ވެރިފަރާތުން ފްލެޓަށް ދައްކަންޖެހޭ ޖުމުލަ އަދަދު 100،000 ރުފިޔާއަށްވުރެ ބޮޑުވާނަމަ، 100،000 ރުފިޔާއާ ހަމައަށް އުނިކުރެވޭނެއެވެ. ފްލެޓަށް ދައްކަންޖެހޭ ޖުމުލަ އަދަދު 100،000 ރުފިޔާއަށް ވުރެ ކުޑަނަމަ، އެ މިންވަރެއް މައާފުކޮށްދެއްވުމަށްފަހު، މި އަދަދުން ބާކީވާ މިންވަރެއް، ފްލެޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކުރަން ވަނީ ނިންމާފަ އެވެ.
ސިނަމާލެ އަދި މާލެ ހިޔާގެ ފްލެޓުތަކާއި ލިފްޓުތައް މަރާމާތުކޮށް، ބަލަހައްޓައިދޭނެ ބަޔަކު ހޯދަން ވެސް މާލެ ސިޓީ ކައުންސިލުން ވަނީ އިއުލާނުކޮށްފަ އެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހު މައުލޫމާތު ސާފުކުރުމަށްފަހު އަންނަ މަހުގެ ފަސް ވަނަ ދުވަހު އަގު ހުށަހަޅަން ޖެހެ އެވެ.
ސިނަމާލެ 1،2،3،4 ގެ ފްލެޓުތައް އެއް އަހަރު ދުވަހުގެ މުއްދަތަށް މަރާމާތުކޮށް، ބަލަހައްޓައިދޭން ޝައުގުވެރިވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހު އޭގެ މައުލޫމާތު ސާފުކުރުމަށް ފަހު އަންނަ މަހުގެ ހަ ވަނަ ދުވަހު އަގު ހުށަހަޅަން ޖެހެ އެވެ.
ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް ، އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ.
އާއިޝަތު މާހާ
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި