މި ފަހަރުގެ ފިތުރު އީދުގެ އުފާ އިސްލާމީ އުންމަތާ ބައްދަލުކުރި އިރު، އެ އުންމަތް ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި ކަމަށާއި މި އުފާވެރިކަން ބައްދަލުކުރާ ދަނޑިވަޅުގައި، މުސްލިމުންނަށް ބާރުވެރިކަމާއި ގަދަރުވެރިކަމާއި ހައިބަތަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސްގެ އީދު ހިތޯބުގައި އެ މަނިކުފާނު ވިދާޅުވީ، އީދު އުފާ އިސްލާމީ އުންމަތާ ބައްދަލުކުރި އިރު، އުންމަތް މިވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި ކަމަށެވެ. ހާއްސަކޮށް، ފަލަސްތީނުގައި، އާންމުކޮށް މެދުއިރުމަތީގެ އެހެން ބައެއް ބިންތަކުގައި މުސްލިމު އެތައް އަހުންނެއް، އުހްތުންނެއް ވަނީ، ވަރަށް ބޮޑު ހިތްދަތިކަމެއްގެ ތެރޭގައި ކަމަށް ވިދާޅުވިއެވެ.
"މުއުމިނުންގެ މިސާލަކީ، އެއް ހަށިގަނޑެއްގެ މިސާލު ކަމަށްވާތީ، މި ހުރިހާ ވޭނެއްގައި އަޅުގަނޑުމެން ބައިވެރިވަމުއެވެ. މި ހާލަތުގައި އެދެވެނީ އަވަސް ގޮތެއްގައި އެ ލޮބުވެތި އަހުންނާއި އުހުތުންނަށް އަމާންކަމާއި ރައްކާތެރިކަމެވެ. މުސްލިމުންނަށް ބާރުވެރިކަމާއި ގަދރުވެރިކަމާއި ހައިބަތެވެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރޯދަމަހާއި ފިތުރު އީދަށް ފަހު، ހަ ރޯދައިގެ ދުވަސްވަރު އަންނާނީ ހެޔޮ އަމަލުތަކުގެ މަތީގައި ދެމިތިބެން އިސްލާމްދީން ގޮވާލާ ނިޒާމުގެ ފުރިހަމަ ކަމުގެ ސަބަބުން ކަމަށެވެ.
ރައީސް ވިދާޅުވީ، މި ރޯދަމަސް އަޅުގަނޑުމެންނާ ވަކިވެގެން ދިޔައީ ނަފުސުތަކަށާއި ގުނަންތަކަށް މުހިންމު ތަމްރީނުތަކެއް ދީފައި ކަމަށެވެ.
"ރަނގަޅު ބަސްތައް މެނުވީ އަޅުގަނޑުމެންގެ ދޫތަކުން ނުބުނުމެވެ. ރަނގަޅު އަމަލުތައް މެނުވީ އަޅުގަނޑުމެންގެ ގުނަންތަކުން ނުކުރުމެވެ. ވަކިވަކިވެ ރޫޅިފައިވާ ބައެއްގެ ގޮތުގައި ނުވެ، ބިޔަ އެއް ޖަމާޢަތެއްގެ ގޮތުގައި އެއްބައެއްވަންތަކަމާއެކު މުސްލިމުން ދެމިތިބުމަށް ބާރުއެޅުމެވެ. ހުރިހާ މާނައެއްގައި ވެސް، ހުރިހާ ވަގުތެއްގައި ވެސް ކެތްތެރިވުމެވެ. ރޯދައިގެ މަދަރުސާއިން މި ފިލާވަޅުތައް ލިބިދިނެވެ" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އިސްލާމްދީނުގައި އެއްވެސް ކަމެއްގައި މާތްވެގެންވާ އިސްލާމްދީނުގެ މިންގަނޑުން ބޭރުވުމެއް ނެތް ކަމަށާއި އެހެންކަމުން އީދުގެ އުފާފާޅުކުރުން ވެސް އޮތީ އެގޮތުގައި ކަމަށެވެ. އަދި އީދުގެ އުފަލުގައި ކަންކަން އިންތިޒާމުކޮށް ރާވާއިރު، އިސްލާމީ އިންތަކާއި މިންތަކަށް ފަރުވާތެރިވުން މުހިންމު ކަމަށާއި އެހެނީ އިސްލާމްދީން އަބަދުވެސް ބާރުއަޅަނީ ހެޔޮކަމަށާއި ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ މާތް ސިފަތަކަށް ކަމަށް ވިދާޅުވިއެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު