ހދ. ހަނިމާދޫ ރައްޔިތުންނަށް ގޯތި ނުދީ، އެރަށަށް ބަދަލުކުރަން ނިންމާފައިވާ އެ އަތޮޅު ހިރިމަރަދޫ ރައްޔިތުންނަށް ގޯތި ދިނުމާ ދެކޮޅަށް ހަނިމާދޫ ރައްޔިތުންތަކެއް މުޒާހަރާކޮށްފި އެވެ.
އިއްޔެ ހަވީރު އެކަމާ ދެކޮޅަށް ބޯޑުތަކެއް ހިފައިގެން ރަށުގެ ބަޔަކު ވަނީ މުޒާހަރާކޮށްފަ އެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އެމީހުން ގޮވާލާފައިވަނީ އެންމެ ފުރަތަމަ ހަނިމާދޫ މީހުންނަށް ދަތިވެފައިވާ ބޯހިޔާވަހިކަން ހައްލުކުރުމަށް އެރަށު މީހުންނަށް ގޯތި ދިނުމަށެވެ.
އެކަމާ ގުޅޭގޮތުން ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ އެރަށަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށާއި ރައްޔިތުން ބޭނުންވަނީ ގިނަ ބަޔަކަށް ބޯހިޔާވަހިކަން ލިބޭނެ ގޮތަކަށް އިންތިޒާމްތައް ހަމަޖައްސަން ކަމަށެވެ.
"މިއީ ވަރަށް ޒަމާންވީ މައްސަލައެއް، އަޅުގަނޑުމެން އަދި ރައްޔިތުންނަށްވެސް ވަރަށް ރަނގަޅުވާނެ ގޯތި ދޫކުރުމުގެ ބަދަލުގައި ސަރުކާރުން ފްލެޓް އަޅާފައި ފްލެޓް ދޫކުރުން. އެންމެ މަދުވެގެން 2،000 ފްލެޓް އެޅިނަމަވެސް ވަރަށް ގިނަ ބަޔަކަށް ބޯހިޔާވަހިކަން ލިބޭނެ، އެއީ މިރަށުގެ ރައްޔިތުންނާއި ރަށަށް ބަދަލުކުރާ އެެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް،" ސައްތާރު ވިދާޅުވި އެވެ.
ސައްތާރު ވިދާޅުވީ އެރަށުގައި މިހާރުވެސް އުމުރުން 18 އަހަރުން މަތީގެ ގެދޮރު ބޭނުންވާ މީހުންގެ އަދަދު ހާހަކަށްވުރެ ގިނަ ވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެރަށުގައި ގޯތި ދޫކުރަން އޮތް ސަރަހައްދުން ގޯތި ދޫކޮށްފިނަމަ ގިނަ ބަޔަކަށް ބޯހިޔާވަހިކަން ނުލިބޭނެ ކަމަށެވެ. ނަމަވެސް އެ ސަރަހައްދުގައި ފްލެޓް އަޅައިފިނަމަ އެ މައްސަލައަށް ހައްލު ލިބޭނެ ކަމަށެވެ. ސައްތާރު ވިދާޅުވީ ބޯހިޔާވަހިކަން ހޯދުމުގައި ދިމާވާ އަނެއް މައްސަލައަކީ ލިބޭ އާމްދަނީއަށްވުރެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމެވެ.
ގޯއްޗެއް އޮތް ނަމަވެސް ހާލަތު ހުންނަ ގޮތުން ގޯތިގެދޮރު ހެދުމުގައި ދަތިތައް ކުރިމަތިވާ ކަމަށެވެ. އެކަމަށްވެސް ފްލެޓް އަޅައިފިނަމަ ހައްލު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ސަރުކާރުންވެސް ކަންތައްތައް ނިންމާއިރު ރައްޔިތުންގެ އަޑު އަހަން، ކޮންމެ ސަރުކާރަކުންވެސް، ރަށުގެ ލޭންޑް ޔޫސް ޕްލޭން ހަދާއިރު ރައްޔިތުންވެސް ވީހާވެސް ބޮޑަށް އެކަމުގައި ބައިވެރިވެ ހިޔާލު ފާޅުކުރަން، ރަށުގެ ބިން އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނީ އޭރުން،"
ހަނިމާދޫން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 2022 ވަނަ އަހަރު އެވެ. އެ އަހަރު 200 އެރަށުން ދޫކޮށްފައިވެ އެވެ.
"އެ 200 ގޯއްޗަށް 500އަށްވުރެ ގިނަ މީހުން ކުރިމަތިލި، އެކަމަކު ގޯތި ނުދެވި އެތައް އަހަރެއް ވެފައިވާތީ އެކިއެކި އުސޫލު ހަދައިގެން ގޯތި މި ދޫކުރަނީ، އަޅުގަނޑުމެން ބޭނުންވަނީ ގާނޫނުގައި ބުނެފައިވާހެން ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން،" ސައްތާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއިރު ދޫކުރި 200 ގޯތީގެ ތެރެއިން ބައެއް ގޯތިތައް އަދި ގޯތިތަކުގެ ބައިތައް ގޯތި ލިބުނު މީހުން ވިއްކާފައިވާ ކަމަށެވެ.
ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން ނިންމައި ސަރުކާރުން އެކަން އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓުމަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ހިރިމަރަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު އެވެ.
އާއިޝަތު މާހާ
ހދ. ހަނިމާދޫ
ހދ. ހަނިމާދޫ
ހދ. ހަނިމާދޫ