އެމެރިކާއާއި އިޒްރޭލް އިސްވެ އޮވެ އިރާނަށް ދިން ވައިގެ ހަމަލާތަކުގެ ސަބަބުން ހިނގަމުންދާ ހަނގުރާމަ އަދިވެސް ނުހުއްޓޭތީ ދައުލަތުގެ ރިޒާވަށް އިތުރު 100 މިލިއަން ޑޮލަރު ހޯދުމަށް މަަޝްވަރާކުރަމުންދާކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކާއި އެހެން ކަންކަން ހައްލުކުރުމަށާއި، ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ ދައުލަތުގެ ރިޒާވް ހުސްވިޔަ ނުދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު މުނައްވަރާއި މަޝްވަރާ ކުރުމަށްފަހު ބައެއް ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.
"އެއް ފިޔަވަޅަކީ ރިޒާވަށް އިތުރަށް 100 މިލިޔަން ޑޮލަރު ހޯދުމުގެ މަސައްކަތް މިހާރު، އިންޓަނޭޝަނަލް މަލްޓިލެޓްރަލް 2 އެޖެންސީއަކާއެކު މަސައްކަތްކޮށްގެން، އިއްޔެ ހިސާބަށް އެއްބަސްވުމަކަށް އާދެވިފައި އެބައޮތް. އެއީ އަސްލު ތެލުގެ އަގު މިހާރު މި ބޮޑުވާ އަދަދު، އެއީ މިސާލަކަށް ކުރިން 100 ޑޮލަރަށް ލިބޭ އެއްޗެއް 150 ޑޮލަރަށް ބަދަލުވީމަ އެއަންނަ ބައި ފައިނޭންސް ކުރުމަށް އަޅުގަނޑުމެން ހަމަޖައްސާ ފެސިލިޓީއެއް." ޒަމީރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މަޝްވަރާތައް މިހާރުވަނީ އެންމެ ފަހުގެ ސްޓޭޖުގައި ކަމަށާއި، ސަރުކާރުން މިކަމުގައި ނަގަންޖެހޭ އެންމެ ފަހުގެ ހުއްދަ ނެގުމަށް ރައީސް މުއިއްޒަށް މިހާރު ފޮނުވާފައިވާނެ ކަމަށާއި، ރައީސްގެ ފަރާތްޕުޅުން ވަރަށް އަވަހަށް ޖަވާބެއް ލިބިގެންދާނެކަމަށް ޒަމީރު ވިދާޅުވިއެވެ.
ހަނގުރާމަ އެއް މަސް ދުވަހަށް ދެމިގެން ގޮސްފި ނަމަ، ދައުލަތުގެ އާމްދަނީއަށް 100 މިލިޔަން ޑޮލަރުގެ ގެއްލުންވާނެކަމަށް ފިނޭންސް މިނިސްޓްރީގެ ޓެކްނިކަލް ޓީމުން ލަފާކޮށްފައިވާކަމަށް ޒަމީރު ވިދާޅުވިއެވެ. ވޯލްޑް ބޭންކުންވެސް ވަނީ އެކަމަށް ތާއީދުކޮށްފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މި ހަނގުރާމަ އެއް މަސް ދުވަހަށް ދެމިގެންދާ ނަމަ، އަޅުގަނޑުމެންނަށް މި ލަފާ ކުރެވެނީ، 85 މިލިޔަން ޑޮލަރާއި 100 މިލިޔަން ޑޮލަރާއި ދެމެދު އާމްދަނީ ދަށްވުމެއް އަންނާނެ ކަމަށް. އެއީ ސީދާ ސަރުކާރުގެ އާމްދަނީ. އެއީ އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމުން އަންދާޒާ ކޮށްފައި އަދި ވޯލްޑް ބޭންކުން އެއީ ރަނގަޅު އަދަދެއް ކަަމަށް ބުނެފައި އެބައޮތް" ޒަމީރު ވިދާޅުވިއެވެ.
އެހެންކަމުން ދައުލަތުގެ ރިޒާވަށް އިތުރު އާމްދަނީއެއް ކޮންމެހެންވެސް ހޯދަންޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު