އީދުގެ އުފަލުގައި އެކުވެރި މާއާއުލެއްގައި އާއިލާތައް ބައްދަލު ވެ، އީދު އުފާ ފާހަގަކުރުމުގެ ގޮތުން، ކުރީ އަަހަރުތަކެކޭ އެއްފަދައިން ''އީދު ހަވީރު 1447'' ގައުމީ ފެންވަރުގައި ކުލަގަދަކޮށް މިއަހަރުވެސް ކުރިއަށް ގެންދަން މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް (އެމްއެންޑީއެފް) އިން ނިންމައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި އަހަރުގެ ފިތުރު އީދުގެ މުނާސަބަތުގައި އީދު ދުވަހުން ފެށިގެން ތިން ދުވަހު ''އީދު ހަވީރު 1447'' އޮންނާނެ ކަމަށެވެ.

އެމްއެންޑީއެފުން ވިލަރެސްކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ "އީދު ހަވީރު 1447"ގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ސަރުކާރުގެ 10 އެސްއޯއީއަކުން ބައިވެރިވާނެކަމަށްވެސް ބުނެފައިވެއެވެ.

"އީދު ހަވީރު 1447"ގެ ހަރަކާތްތައް ފެށިގެންދާނީ އީދު ދުވަހުގެ ހަވީރު 16:00 އިން 18:00އަށް، މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައެވެ.

އީދު ހަވީރަށް އާންމުންގެ ފަރާތުން މިދިޔަ އަހަރު ލިބުނު ތަރުޙީބަށް ބަލައި މިފަހަރު "އީދު ހަވީރު 1447" ތިން ދުވަހަށް ކުރިއަށްގެންދާއިރު، މާލޭގެ ހަރަކާތްތައް ބާއްވަން ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގެ ބޭރުގައިވާ މާބަލް ސަރަހައްދުން ފެށިގެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަން ސަރަހައްދު ހިމެނޭ ގޮތަށެވެ.

ހުޅުމާލެގައި، ސެންޓްރަލް ޕާކާއި ފޭސް ދޭއްގެ ހިޔާ ޕާކް ސަރަހައްދާއި، ވިލިމާލެ ފުޓްބޯޅަ ދަނޑުގައި "އީދު ހަވީރު 1447" ގެ ހަރަކާތްތައް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

އީދު ހަވީރުގެ ހަރަކާތްތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހުމާއެކު ސަލްޓަން ޕާކް ފިތުރު އީދު ދުވަހު ހުޅުވާގޮތަށް ސަރުކާރުން ވަނީ ހަމަޖައްސައިފައެވެ.

އެމްއެންޑީއެފުން ބުނީ "އީދު ހަވީރު 1447" ގައި އެކި ކަހަލަ ހަރަކާތްތަކާއި ކުޅިވަރުތަކުގެ އިތުރުން މުނިފޫހިފިލުވުމާއި އީދު ހަދިޔާ ދިނުން އޮންނާނެ ކަމަށެވެ.

މި ހަވީރުގައި ދައުލަތުގެ އެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުން ތަފާތު އެކި ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށާއި، އެ ސްޓޯލްތައް ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ އެކި ތީމުތަކަށް، ތަފާތު އެކި ތަޖުރިބާތައް ކުރެވޭނެހެން، ކުޑަކުދިން ގަޔާވާނެ އެކި ކަހަލަ ހަރަކާތްތައް ހިމަނައިގެން ކަމަށްވެސް ބުންޏެވެ.

"އީދު ހަވީރު 1447" ގައި އެމްއެންޑީއެފްގެ ހާއްސަ ހަރަކާތްތަކެއް އޮންނާނެ ކަމަށާއި، އޭގެ ތެރޭގައި ސިފައިންގެ ޔުނިފޯމްތަކާއި އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކި ކަހަލަ ހަތިޔާރުތަކާއި އެއްގަމާއި ކަނޑުމަތީގައި ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި އެ ތަކެއްޗާ އެކު ފޮޓޯ ނެގުމާއި، ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

މި އަހަރުގެ އީދު ހަވީރުގައި ބައިވެރިވާ އެސްއޯއީތަކުގެ ތެރޭގައި ސްޓެލްކޯ އާއި، އެމްޑަބްލިއުއެސްއީ އާއި، ވެމްކޯ އާއި، އެމްޕީއެލް އާއި، އެޗްޑީސީ އާއި، އެސްޓީއޯ އާއި، އެމްއޭސީއެލް އާއި، އާރުޑީސީ އާއި، އެމްޓީސީސީ އާއި މިފްކޯ ހިމެނޭކަމަށް އެމްއެންޑީއެފުން ބުންޏެވެ.