ރާއްޖޭގައި ދެވޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް، ރާއްޖެއަށް ތައާރަފު ކުރި އެއާ އެމްބިއުލަންސްގެ ހިދުމަތުން މިހާތަނަށް 1755 ދަތުރުކޮށް 2270 ބަލި މީހުން ރައްކާތެރިކަމާއެކު އުފުލައިފިއެވެ.
ހެލްތް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެމްބިއުލާންސްގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އިތުރު 14 ރަށަކަށް އެމްބިއުލެންސް ވަނީ ހަވާލުކޮށްފައެވެ.
މި ރަސްމިއްޔާތުގައި ހެލްތުގެ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމް ވިދާޅުވީ ރާއްޖޭގައި ދެވޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް، ހާއްސަގޮތެއްގައި ބަލި މީހުން އެއްތަނުން އަނެއް ތަނަށް އުފުއްލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއްދެއްވައިގެން މަސައްކަތްޕުޅު ކުރައްވާ ކަމަށެވެ.
"އޭގެތެރޭގައި ހާއްސަގޮތެއްގައި އެއާ އެންބިއުލަންސްގެ ހިދުމަތްފެށި، މިހާތަނަށް 1755 ދަތުރުކޮށް 2270 ބަލިމީހުން ރައްކާތެރިކަމާއެކީ އުފުލިފައިވާކަމީ ދިވެހި ރައްޔިތުންގެ ހިތްތަކަށް ލިބޭނެ ވަރަށް ބޮޑު ތަސައްލީއެއް. އެއާއެކު ރައީސް ބޭނުންފުޅު ވަނީ ރައްޔިތުން ގާތަށް ގޮސް ފަރުވާ ދިނުމުގެ ކަންކަން ކުރިއެރުވުމަށް،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މި ކަންކަމުގެ އިތުރުންވެސް ރައްޔިތުންނަކީ ރަނގަޅު ސިއްހަތެއްގައި ތިބޭ ބައެއްކަން ކަށަވަރު ކުރުމަށް ސަރުކާރުން ދަނީ ސްޕެލިސްޓް ޑޮކްޓަރުން ރަށްތަކަށް ފޮނުވައި، ރައްޔިތުންނާ ގާތުން މަސައްކަތް ކުރަމުން ކަމަށެވެ.
"މިގޮތުން ރާއްޖޭގައި ކަނޑުދަތުރުކޮށް، ކުރަންޖެހޭ އަތޮޅުތަކަށް، ސްޕީޑް ލޯންޗް ހަމަޖައްސަވާ އެންމެ ފަހުން ހަވާލުނު ކުރެވި ކ. އަތޮޅުގެ ލޯންޗު ވަނީ މާލެ ފަޅުގައި. ހަފުތާއެއްހާ ދުވަހުތެރޭގައި އެ ލޯންޗު ހަވާލުކުރެވޭނެ،" ގާސިމް ވިދާޅުވިއެެވެ.
ސަރުކާރުން އެއާ އެމްބިއުލަންސްގެ ހިދުމަތް ދިނުމަށް އެއްބަސްވުމުގައި ސޮއިކުރީ 2024 އަހަރުގެ ފެބްރުއަރީ 28ގައެވެ. މި ހިދުމަތް ރަސްމީކޮށް ފެށީ 2024ގެ މާޗް އެކެއްގައެވެ.
އެންސްޕާއިން 2025 ނޮވެމްބަރު 22 ގައި އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން، 2024 ވަނަ އަހަރުގެ ނޮވެމްބަރުމަހާ ހަމަޔަށް 85،100،000 ރުފިޔާ މާލީ އެހީގެ ގޮތުގައި ދޫކޮށްފައިވެއެވެ. އެއާ އެމްބިއުލަންސް ހިދުމަތަށް ދޫކޮށްފައިވާ ޖުމްލަ މާލީ އެހީގެ މިންވަރަކީ 114،110،000 (ސަތޭކަ ސާދަ މިލިއަން އެއްލައްކަ ދިހަހާސް) މިލިޔަން ރުފިޔާއެވެ.
ފާތިމަތު ލިއުޝާ
އެއާ އެމްބިއުލާންސް
އެއާ އެމްބިއުލާންސް
އެއާ އެމްބިއުލާންސް