އެއާ އެމްބިއުލާންސްގައި 800 އަށްވުރެ ގިނަ ބަލި މީހުން އުފުލައިފިއެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނީ މިދިޔަ އަހަރުގެ މާޗް 1 ގައި އެއާ އެމްބިއުލާންސް އިފްތިތާހުކުރި ފަހުން ސިއްހީ ކުއްލި ހާލަތްތަކުގައި ހިދުމަތްދޭ އެއާ އެމްބިއުލާންސުން 700 ދަތުރުކޮށް، 804 ބަލިމީހަކަށް އެހީތެރިވެފައިވާ ކަމަށެވެ.

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ޑޭޝް މަރުކާގެ މަތިންދާބޯޓަކީ ސަލާމަތީގޮތުން ރައްކާތެރި ސިއްހީ އަވަސް ފަރުވާއަށް ބޭނުންވާ އާލާތްތައް ހަރުކޮށްފައިވާ ބޯޓެކެވެ.

ހެލްތު މިނިސްޓްރީއާއި އެންސްޕާ އަދި އައިލެންޑް އޭވިއޭޝަން ގުޅިގެން އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށި އިރު، ޑޮކްޓަރުންނާއި ނަރުހުންނާއި އެމަޖެންސީ މެޑިކަލް ޓެކްނީޝަނުންގެ މައްޗަށް އެކުލެވޭ 15 ސިއްހީ ހިދުމަތްތެރިންގެ ޓީމެއް ސަރުކާރުން ވަނީ ތަމްރީނުކޮށްފައެވެ.

ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.