ރާއްޖޭގައި ޝީޝާ މަނާކޮށް، ހަކުރުގެ ބާވަތްތަކުން ސަބްސިޑީ ކެނޑުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި ބޭނުންވަނީ އެކަންކަމާ މެދު ރައްޔިތުން ހޭލުންތެރިކުރުވަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ "ދަ ގްރޭޓާ އައްޑޫ" ސިޔާސަތު އިފްތިތާހުކުރުމަށް އާޓިފިޝަލް ބީޗުގައި މިރޭ ބެއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ރާއްޖޭގައި އިތުރު ކަންކަން "ބޭން" ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން އިތުރުކަންކަން ބޭންކުރުމަކީ. އަޅުގަނޑުމެން ނޫޅެން ޝީޝާ ބުއިން ބޭންކުރާކަށް، ހަކުރުގެ ސަބްސިޑީ ކަނޑާލާކަށް. ނަމަވެސް އެވެއާ ކުރަން ބޭނުމަކީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި ހުރި ބައެއް އާދަތައް މަނާކުރުމަކީ ހައްލެއް ލިބޭނެ ކަމެއް ނޫން ކަމަށާއި ނަމަވެސް އެކަންކަމާ ގުޅޭ ގޮތުން ސިއްހީ ގޮތުން މީހުން ހޭލުންތެރިކުރުމަކީ ސަރުކާރުން ކުރާނެ ކަމެއް ކަމަށެވެ.
ރާއްޖޭގައި "ޝީޝާ" މަނާކޮށް ހަކުރުން ސަބްސިޑީ ނުކަނޑާނެ ކަމަށް ރައީސް ވިދާޅުވެފައި މިވަނީ ރައީސް އޮފީހުގައި މި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝީޝާ މަނާކޮށް، ހަކުރުން ސަބްސިޑީ ކަނޑަން މަޝްވަރާކުރަމުން އަންނަ ކަމަށް ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވުމާ ގުޅިގެންނެވެ.
ރައީސް ވިދާޅުވީ، އެކަމާ ގުޅިގެން ރައްޔިތުންނަށް އޮޅޭ ގޮތަށް މައުލޫމާތު ފަތުރަމުންދާ ކަމަށާއި ސާފުކޮށް ޝީޝާ މަނާ ނުކުރާނެ ކަމާއި ހަކުރުން ސަބްސިޑީ ނުކަނޑާނެ ކަމަށް ވިދާޅުވާން ޖެހުނީ އެހެންވެގެން ކަމަށެވެ.
ރައީސް ވަނީ، ސަރުކާރުން ވަރަށް ކޮންޓްރަވާޝަލް ނިންމުންތައް ނިންމާފައިވާކަން ފާހަގަކުރައްވައިފައެވެ. އެގޮތުން ސިނގިރޭޓުން ޑިއުޓީ ބޮޑުކޮށް ވޭޕް މަނާކުރުން ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވި ގޮތުގައި އެކަންކަމުގެ ބޭނުމަކީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމެކެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު