އާސަންދަ ސްކީމްގެ ދަށުން ވިއްކާ ބޭސްތަކުގެ އަގު ކޮންޓްރޯލް ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ބައެއް ބޭސްތައް ވިއްކޭނެ އެންމެ މަތީ އަގު މިހާރު ކަނޑައަޅާފައިވާނެ ކަމަށާއި ހުރިހާ ބޭހެއްގެ އަގު ކަނޑައެޅުމުގެ މަޝްވަރާތައް ކަމާބެހޭ ފަރާތްތަކާއެކު ކުރިއަށްދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ހުރިހާ ބޭހެއްގެ އަގު ކަނޑައަޅައި ނިމޭނެ ސީދާ ތާރީހެއް އަދި ބުނަން ނޭނގޭ ކަމަށެވެ.

"މިހާރުވެސް ބައެއް ބޭސްތަކަށް މެކްސިމަމް ރީޓެއިލް ޕްރައިސްތައް ކަނޑައެޅިގެން ކޮންޓްރޯލް އަގެއްގަ އެބަ ހިންގޭ، އެހެން ނަމަވެސް އެންމެ ފުޅާ ދާއިރާއެއްގައި މުޅި ލިސްޓަށް މެކްސިމަމް ރީޓެއިލް ޕްރައިސެއް ތައްޔާރުކުރުމުގެ މަޝްވަރާތައް އެބަކުރިއަށްދޭ، އަޅުގަނޑަށް ކަނޑައެޅިގެން މިވެނި ތާރީހެއްގައި މުޅި ލިސްޓު އެއްކޮށް ނިންމާލެވޭނޭ އެހެން ދަންނަވަން ދަތި،" މިނިސްޓަރު ވިދާޅުވި އެވެ.

ބޭހުގެ އަގު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށާފައިފަނީ 2022 ވަނަ އަަހަރުގެ ތެރޭގަ އެވެ. 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އާސަންދަ ސްކީމުގެ ދަށުން އެންމެ ގިނައިން ދޫކުރެވޭ 250 ބޭހުގެ އަގު ކޮންޓްރޯލުކުރުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ވަނީ ނިންމައިފަ އެވެ.