އެމެރިކާ އާއި އިޒްރޭލު އިސްވެ އޮވެ އިރާނަށް ހަމަލާތައް ދެމުންދާ މި ދަނޑިވަޅުގައި ސިއްހީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ހެލްތު މިނިސްޓްރީން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ މި ގޮންޖެހުންތަކުން އަރައިގަތުމަށް ނުވަތަ ކުޑަކުރެވެން ހުރި ކަންތައްތަކަކީ ކޮބައިތޯ ބަލައި އެކަމުގެ މަޝްވަރާތައް ކަމާބެހޭ އިދާރާތަކާއެކު ފަށާފައިވާ ކަމަށެވެ.

"ޑަބްލިއުއެޗްއޯގެ ފަންނީ ބޭފުޅުންނާއެކު އަޅުގަނޑުމެން މަޝްވަރާތައް ފަށައިގެން ކުރިއަށް ގެންދަމުން މިދަނީ. އަޅުގަނޑުމެންނަށް ހުރި ރިސްކް އެސެސްމެންޓްތައް ހަދައި އެކަން މިނިމައިޒް ކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ބަލައި އެ ހާލަތަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅެއް މިހާރު އަޅަމުން މިގެންދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން ރާއްޖެ އެތެރެކުރާ ބޭހާއި ކާބޯތަކެތީގެ ކޮލިޓީ ކޮމްޕްރޮމައިޒް ނުކޮށް ދެވެން އޮތް އެންމެ ބޮޑު ލުއިތަކެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކާބޯތަކެތި ލިބުމުގައި ދަތިކަމެއް އަދި ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ވިދާޅުވެފަ އެވެ.

އެމެރިކާއާއި އިޒްރޭލު އިސްވެ އޮވެ އިރާނަށް ހަމަލާ ދިނުމުން ފެށިފައިވާ ހަނގުރާމައާ ގުޅިގެން މެދުއިރުމަތީ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ވަނީ ބަންދުކޮށްފަ އެވެ. އެކަމުގެ ސަބަބުން ދަތުރުފަތުރަށްވަނީ ބޮޑު ބުރުލެއް އަރައިފަ އެވެ. އެހެންވެ ގިނަ އަދަދެއްގެ ފަތުުރުވެރިން ރާއްޖޭގައި ތާށިވެފައިވެސް އެބަތިއްބެވެ.