ހުޅުމާލޭގައި ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމުތައް ކުރިއަށްގެންދިއުމަށް، އެޗްޑީސީ އާއި މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެޗްޑީސީ ހެޑް އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި، އެ ކޯޕްރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ބްރިގޭޑިއާ ޖެނެރަލް (ރޓޑ) އަލީ ޒުހައިރުއެވެ. އަދި ތެލެސީމިއާ ސޮސައިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ސޮސައިޓީގެ ޗެއާޕާސަން އިމާން މުހައްމަދުއެވެ.

އެއް އަހަރު ދުވަހުގެ މި އެއްބަސްވުމުގެ ދަށުން، ތެލެސީމިއާ ސޮސައިޓީގެ މަސައްކަތްތަކަށް ހުޅުމާލެއިން ބޭނުންވާ އޮފީސް ޖާގަ އެޗްޑީސީގެ ފަރާތުން ފޯރުކޮށްދޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ތެލެސީމިއާ ސޮސައިޓީގެ ފަރާތުން އެޗްޑީސީއާ ގުޅިގެން، ހުޅުމާލޭ ފޭސް އެކެއް އަދި ފޭސް ދޭއްގައި ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ސެޝަންތައް ކުރިއަށް ގެންދިއުމަށް ވެސް އެ އެއްބަސްވުމުގެ ދަށުން ނިންމާފައިވާ ކަމަށެވެ.

އެފަދަ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަގުސަދަކީ، ގިނަ ބަޔަކަށް ތެލަސީމިއާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމާ އެކު، ތެލެސީމިއާ އާ ގުޅިގެން ރާއްޖޭގައި ލޭއަޅާ ކުދިން އުފަންވާ ނިސްބަތް މަދުކުރުން ކަމަށް އެޗްޑީސީން ބުންޏެެވެ.

އެޗްޑީސީގެ އަމާޒަކީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް، މުޖުތަމައުއަށް ފައިދާ ހުރި އެފަދަ ގިނަ ޕްރޮގުރާމުތަކެއް ކުރިއަށް ގެންދިއުން ކަމަށްވެސް އެ ކޯޕްރޭޝަނުން ބުނެއެވެ.