ދެ އިންތިހާބު އެއްކުރުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ގިނަ ރައްޔިތުންނަށް ފުރުސަތު ދިނުން ކަމަށް ރައީސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއެކު އޭޕްރިލް 4ގައި ނަގާނެ އެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ މިއީ ރާއްޖޭގައި ޑިމޮކްރަސީ އެންމެ ފައްކާވެ ފުރިހަމަވެފައި އޮތް ޒަމާން ކަމަށެވެ. ދެ އިންތިހާބު އެއްކޮށްލަނީ ލާމަރުކަޒީ ނިޒާމާއި ޑިމޮކްރަސީ މިހާރު ފުރިހަމަވެފައި އޮތްއިރު، އެކަން އިތުރަށް ވަރުގަދަ ކުރުމަށްކަމަށެވެ.
"އަޅުގަނޑު ބޭނުން ރިޔާސީ އިންތިހާބުގައި ވޯޓުލާ އަދަދަށް ނުވަތަ އެއަށްވުރެ ގިނައިން ކުރިއަށް އޮތް އިންތިހާބުގައި ރައްޔިތުން ވޯޓުލާން، އަދި އަމުދުން އެ ރައްޔިތުންގެ ދާއިރާގައި ރެޕްރެޒެންޓޭޓް ކުރަން މަޖިލީހަށް މި ފޮނުވާ މެންބަރުން ހޮވަން ވޯޓުލާ އަދަދަކީ ރިޔާސީ އިންތިހާބުގައި ވޯޓުލާ އަދަދު ނޫނީ އެއަށްވުރެ ގިނައިންވެސް ވޯޓުލާ އަދަދަކަށް ވާން، ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވާ ޑިމޮކްރަސީއަކަށް ހަދަން ބޭނުންވަނީ،" ރައީސް ވިދާޅުވި އެވެ.
"އެހެންވީމަ އެ ހަ މަސްދުވަސް ނެގުމުގެ ބަދަލުގައި އެއް ދުވަހު ބޭއްވީމަ ގިނަ ރައްޔިތުން ނުކުމެ ދެ އިންތިހާބުގައި، އެމީހުންގެ އިއްޒަތްތެރި މެންބަރު ހޮވުމަށާއި ރައީސުލްޖުމްހޫރިއްޔާ ހޮވަން ވޯޓުދޭނީ، އެއީ މައިގަނޑު ބޭނުމަކީ،"
މީގެ ކުރީން ބޭއްވި އިންތިހާބުތަކުގައި ރައްޔިތުން ނިންމާފައިވަނީ ރިޔާސީ އިންތިހާބުގައި ނިންމި ނިންމުން މަޖިލިސް އިންތިހާބުގައިވެސް ނިންމަން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެހެންވީމަ ދެ އިންތިހާބު އެއްކޮށްލުމުން އެ ދެ ނިންމުން އެއް ދުވަހާ ނިންމަން ރައްޔިތުންނަށް ފުރުސަތު ލިބޭ ކަމަށެވެ.
"މި ދެންނެވިހެން ޓާންއައުޓް ބޮޑުކުރަން އަޅުގަނޑު ބޭނުންވަނީ، ޓާންއައުޓް %90 ނުވަތަ ނިއަލީ %90 ރިޔާސީ އިންތިހާބުގައި ނުކުންނައިރު %80 އަށްވުރެ މައްޗަކަށް ގޮސްފައެއް ނެތް މަޖިލިސް އިންތިހާބުތަކުގައި، އެހެންވެ މިކަހަލަ މުހިންމު ފައިދާތައް ރައްޔިތުންނަށް ހުރީމައޭ ދެ ދުވަސް އެއް ދުވަހަކަށް ހަދަން މި ބޭނުންވަނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އޭގެ އިތުރުން ދެ އިންތިހާބު އެއްކޮށްލުމުން ބޮޑު ހަރަދެއްވެސް ސަލާމަތް ވެގެންދާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު