ލޯނުތަކުގެ ގޮތުގައި ނަގާފައި ހުރި ދަރަނި ފައިސާ ދައްކަން ފައިސާ މި ސަރުކާރުން މިހާރު އެއްކޮށްފައިވާ ކަމަށާއި މާދަން ދައްކަން ޖެހުނަސް އެ ފައިސާ ދެއްކޭވަރަށް ފައިސާ އެބަހުރި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ 500 މިލިއަން ޑޮލަރުގެ ސުކޫކް އަންނަ އޭޕްރިލް މަހުގެ 8ގައި ދައްކަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
"[ސުކޫކް] ދެއްކުމަށް އަޅުގަނޑުމެން އަތުގައި ރައްކާކޮށްފައި އެބަހުރި 650 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ، 500 މިލިއަން ޑޮލަރުގެ ސުކޫކް ދައްކާފަ ބާކީވެސް އެހެންވީމަ 150 މިލިއަން ޑޮލަރު ހުންނާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި 650 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާގެ ތެރެއިން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް)ގައި 320 މިލިއަން ޑޮލަރަށްވުރެ ގިނައިން ރޭގެ ނިޔަލަށް އެބަހުރި ކަމަށެވެ. އަދި ޔޫޒަބަލް ރިޒާވްގައި 330 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ އެބަހުރި ކަމަށެވެ.
"އެހެންވީމަ ޖުމްލަ 650 މިލިއަނަށްވުރެ ގިނަ ފައިސާ މިހާރުވެސް އެބަހުރި އަޅުގަނޑުމެން އަތުގައި ރައްކާކޮށްފަ" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ގްރޮސް ރިޒާވް ތާރީހުގައި މައްޗަށް ނުދާވަރަށް ގެންދެވިފައިވާ ކަމަށެވެ. އެގޮތުން ގްރޮސް ރިޒާވްގައި 1.27 ބިލިއަން ޑޮލަރު ހުރިކަން ރައީސް ފާހަގަކުރެއްވި އެވެ.
"ރިޔާސީ ބަޔާނުގައި އަޅުގަނޑު ދެންނެވި އަދަދުވެސް އެއީ ރެކޯޑެއް. އަދި އެ ރެކޯޑަށްވުރެ ވެސް މައްޗަށް މިހާރު ރިޒާވް ގޮސްފައިވަނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިކަމުގެ ސަބަބުން މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރާ އަސަރު މެނޭޖްކުުރުމަށް ވަރަށް ބޮޑު ލުޔަކަށްވެގެންދާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު