އެމެރިކާ އާއި އިޒްރޭލު އިސްވެ އޮވެ އިރާނަށް ހަމަލާތައް ދެމުންދާ މި ދަނޑިވަޅުގައި، ރާއްޖެއަށް ތެލާއި ކާބޯތަކެތީގެ ކަންބޮޑޮވުމެއް އަދި ނެތް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ އެ ހަނގުރާމައާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ހާއްސަ ކޮމެޓީއެއް އުފައްދައި ކަމާބެހޭ ހުރިހާ ދާއިރާއަކުން މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން މެދުއިރުމަތީގައި ތިބި ދިވެހިންގެ ހާލަތު ބަލާފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ކަންބޮޑުވާ ފަދަ އެއްވެސް ކަމެއް އަދި ދިމާވެފައި ނެތް ކަމަށެވެ. އެގައުމުތަކުގައި ތިބި ދިވެހިންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ކުރަމުންދާ އަސަރު ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކުރަމުންދާ ކަމަށާއި ރާއްޖޭގައި ތާށިވެފައި ތިބި ފަތުުރުވެރިންނަށް ފުރައިގެން ދެވޭނެ އެހެން މަގުތައް ހޯދައިދީ، ރާއްޖޭން ފުރޭނެ އިންތިޒާމުތައްވެސް ހަމަޖައްސައިދެމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖެ އަންނަ ޓޫރިސްޓުން މެދުއިރުމަތި ބޭނުން ނުކޮށް އާދެވޭނެ ގޮތް ކަމާބެހޭ އެއާލައިންތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖެއަށް ތެޔޮ ލިބުމުގައި އަދި އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ.
"ތެލަށް ބަލާއިރުގަ ތެލަށް އަދި އެއްވެސް ކަހަލަ ކަންބޮޑުވުންތަކެއް އަޅުގަނޑުމެންނަކަށް ދިމަލެއް ނުވޭ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހަމަ ރަނގަޅަށް ތެޔޮގެ ކަންތައް އޮތީ ހަމަޖެހިފަ. އެއްވެސް ވަރަކަށް ތެޔޮ ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެންނަށް ނުލިބޭނެ ކަހަލަ ގޮތަކަށެއް ނެތް އަދި އެއްވެސް ކަހަލަ ކަންބޮޑުވާން ޖެހޭ ކަމެއް، އެހެންވީމަ ތެލުގެ އިޝޫއެއް ނެތް،" ރައީސް ވިދާޅުވި އެވެ.
"ކާބޯތަކެތީގެ އިޝޫއެއްވެސް ނެތް، އެކަންތައްވެސް އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅަށް މިގެންދަނީ،"
އެމެރިކާއާއި އިޒްރޭލު އިސްވެ އޮވެ އިރާނަށް ހަމަލާ ދިނުމުން ފެށިފައިވާ ހަނގުރާމައާ ގުޅިގެން މެދުއިރުމަތީ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދުވަނީ ބަންދުކޮށްފަ އެވެ. އެކަމުގެ ސަބަބުން ދަތުރުފަތުރަށްވަނީ ބޮޑު ބުރުލެއް އަރާފަ އެވެ. އެހެންވެ ގިނަ އަދަދެއްގެ ފަތުުރުވެރިން ރާއްޖޭގައި ތާށިވެފައިވެސް އެބަތިއްބެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު