އިގުތިސޯދީ ހާލަތު ރަނގަޅު ކަމަށާއި ލޯނުތައް ދެއްކުމަށް އެއްވެސް ކަންބޮޑުވުމެއް ނެތްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ ރާއްޖޭގެ ގްރޮސް ރިޒާވް ތާރީހުގައިވެސް މައްޗަށް ނުދާވަރަށް ގެންދެވިފައިވާ ކަމަށެވެ. އެގޮތުން ގްރޮސް ރިޒާވްގައި 1.27 ބިލިއަން ޑޮލަރު ހުރިކަން ރައީސް ފާހަގަކުރެއްވި އެވެ.
"ރިޔާސީ ބަޔާނުގައި އަޅުގަނޑު ދެންނެވި އަދަދުވެސް އެއީ ރެކޯޑެއް. އަދި އެ ރެކޯޑަށްވުރެ މައްޗަށް މިހާރު ރިޒާވް މައްޗަށް ގޮސްފައިވަނީ،" ރައީސް ވިދާޅުވި އެވެ.
މި އަހަރު އެކި ކަންކަމަށް އިތުރަށް ބޭނުންވާ ފައިސާ ހޯދަން ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި މަޝްވަރާ ބައްދަލުވުންތައް ވަރަށް ކާމިޔާބު ކަމަށެވެ. އަދި މިހާރު އެ މުއާމަލާތްތައް ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެންގެ އެއްވެސް ކަންބޮޑުވުމެއް ނެތް ދަރަނި ދެއްކުމުގައި. އެއްވެސް ވަރަކަށް ނެތް. މިއަދު ދައްކަން ޖެހުނަސް ދެއްކޭނެ ވަރަށް ފައިސާ އެބަހުރި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މާރުކުރި ފައިސާގެ އަދަދު މިިދިޔަ މަހުގެ ނިޔަލަށް 116 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ.
"އެހެންވީމާ ވަރަށް ރަނގަޅަށް އިގްތިސޯދީ ކަންތައް އޮތީ، އެއްވެސް ވަރެއްގެ ކަންބޮޑުވުން އޮތް ކަމެއް ނެތް، ވަރަށް ވަރުގަދަ އިގްތިސޯދެއް އޮތީ. ވަރަށް ފުޅާވަމުންދާ އިގްތިސޯދެއް އޮތީ، ވަރަށް ބާރަށް ފުޅާވެ ކުރިއަރަމުންދާ އިގްތިސޯދެއް އޮތީ، އިރާދަކުރެއްވިއްޔާ ރާއްޖޭގެ އިގްތިސޯދީ ހާލަތު ކުރިއަށް އޮތްތަނުގައި އިތުރަށް ރަނގަޅުވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު މެނޭޖްކުރަމުންދަނީ ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނިތައް ދެއްކޭނެ ގޮތަށް ކަންތައްތައް ކުރަމުން ކަމަށެވެ. އަދި ހަމަ އެގޮތަށް ރާއްޖޭގައިވެސް ފައިސާ ދޭން ޖެހޭ ފަރާތްތަކަށް އެ ފައިސާ ދައްކަމުން ކަމަށެވެ. އެގޮތުން އަންނަ ހަފުތާގައި ކުދި ވިޔަފާރިތަކަށް ސަރުކާރުން ދައްކަންވެފައި ހުރި ފައިސާގެ ތެރެއިން 200 މިލިއަން ރުފިޔާ ދޭނެ ކަމަށެވެ.
"އަޅުގަނޑުމެން މި އިސްކަންދެނީ ކުދި އެމައުންޓްސްތަކުން ޕޭކުރަން ހުރި ވެންޑާސްތަކަށް، މިއަންނަ ހަފްތާގައި އަޅުގަނޑުމެން ދޭނީ އެއް މިލިއަން ރުފިޔާއަށްވުރެ މަދުން ފައިސާ ދޭންހުރި ބިލްތަކަށް. މިއަންނަ ހަފްތާގައި އެކަނި 200 މިލިއަނެއްހާ ރުފިޔާ، މިދެންނެވީ ސަރުކާރުގެ މަސައްކަތް ނަގައިގެން މަސައްކަތްކޮށްފަ ފައިސާ ލިބެންޖެހޭ ފަރާތްތައް، އެޕޭމަންޓްސްތައް ދައްކަން،" ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު