އަންނަ މާޗް މަހުގެ 9 ވާ ހޯމަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ފަހުދިހައިގައި ސަރުކާރު ބަންދުވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

1445ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިންމީ 2024 ފެބްރުއަރީ ހަތަރެއްގައެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެގޮތަށް ހަމަޖެއްސީ، އިސްލާމީ އުސޫލުތައް ގާއިމުކުރުމަށާއި ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ.

ރަމަޟާން މަހުގެ ފަހުދިހައަކާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ދިނުމުގެ އިންތިޒާމު، އެ މުއައްސަސާއަކުން ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމުގައި ވަނީ އަންގަައިފައެވެ.