ކުވޭތުގެ ގައުމީ ދުވަހާއި މިނިވަން ދުވަހުގެ މުނާސަބަތުގައި، ކުވައިތުގެ އަމީރު ހިޒް ހައިނަސް ޝައިހް މެޝާލް އަލްއަހްމަދު އަލްޖާބިރު އަލްސަބާހްއަށާއި ބޮޑުވަޒީރު ހިޒް ހައިނަސް ޝައިހް އަހްމަދު އަބްދުﷲ އަލްއަހްމަދު އަލްސަބާހްއަށް، ރައީސް ރ މުހައްމަދު މުއިއްޒު، މަރުޙަބާ ވިދާޅުވެ ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ކުވޭތުގެ އަމީރާއި ބޮޑުވަޒީރަށް ވަކިވަކީން ފޮނުވި ސިޓީފުޅުގައި، ރައީސް ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފައެވެ. އަދި ދެ ގައުމުގެ މެދުގައި އޮންނަ ގާތް ގުޅުމަކީ، އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމާއި، ދެ ގައުމުން ހިއްސާކުރާ ގިޔަމުތަކުގެ މަތީގައި ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރައްވައި، ރާއްޖެއިން މި ގުޅުމަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ދެ ގައުމުގެ ރައްޔިތުންގެ ދެމެހެއްޓެނިވި ލާބަ އާއި ތަނަވަސްކަމަށް މަންފާކުރަނިވި ގޮތެއްގައި، ދެ ގައުމުގެ މެދުގައި އުފެދިފައިވާ އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން ކުރިއަށް އޮތް ތަނުގައި ވެސް އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަގީންކަން އެމަނިކުފާނު އަރުވާފައިވާ ކަމަށެވެ.

މި ދެ މުނާސަބަތާ ގުޅުވައިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައި، ރާއްޖޭގެ ތަރައްގީއަށް ކުވޭތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް މެދުވެރިކޮށް ލިބެމުންދާ ދީލަތި އެހީތެރިކަން ފާހަގަކުރައްވާފައިވެއެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ގިނަ ފުރުސަތުތަކެއް އޮތް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ކުވޭތުގެ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ފެބުރުވަރީ 25 ވަނަ ދުވަހެވެ. އަދި އެ ގައުމުގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ފެބުރުވަރީ 26 ވަނަ ދުވަހެވެ.